ޚަބަރު

"އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަށް މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ"


އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުހަލާއެއްގައިވެސް ލިބެން ޖެހޭ ކަމަށާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ނޮވެންބަރު 25 އިން ޑިސެންބަރު 10 އަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ހަރަކާތްތައް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް ޢާއިލާއާއި، ރައްޓެހިންނާއި، މުޅި މުޖުތަމައުގެ އެހީތެރިކަން ދޭންޖެހޭކަމަށެވެ.

އަންހެނުނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާކަން މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ އޮކްޓޫބަރުމަހުގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލިކަމުގައި ވިޔަސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށާއި، މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތައް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާއަކީ މިމުޖުތަމަޢުގައި ނުހިނގާ ކަމެއްގެގޮތުގައި ބައެއް ފަރާތްތަކުން ޤަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއަހަރުގެ "16 ޑޭސް އޮފް އެކްޓިވިޒަމް" ފާހަގަކުރުމުގެ ގޮތުން، ޖެންޑަރ މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕޭނަކާއި، ވިލިމާލޭގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންހެނުންނާއި އަންހެންކުދިންނަށް ޚާއްޞަކޮށްގެން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.