ޚަބަރު

ތައުލީމީ ސިޔާސަތު ހާމަކުރެއްވުމަށް މިނިސްޓަރ ފުވައްމުލަކުގައި


ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި، ސްކޫލްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ ފުވައްމުލަކު ސްކޫލްތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ
ޏ. އަތޮޅު ތައުލީމީ މަރުކަޒަށާއި، ޙާފިޒު ޢަހްމަދު ސްކޫލަށާއި، ފުވައްމުލަކު ސްކޫލަށާއި، މުޙައްމަދު ޖަމާލުއްދީން ސްކޫލަށް ޒިޔާރާތް ކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ވަނީ ފުވައްމުލަކު ސްކޫލްތަކަށް ވަޑައިގެން ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަންކުރާނެ ގޮތުގެ މައުލޫމާތު ސްކޫލްތަކުގެ އިސްވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާ ޙިއްޞާކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ސްކޫލްތަކުގެ ޙާލަތު ބައްލަވާލައްވައި، ސްކޫލްތަކުގެ ޙާލަތު އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭ އާއި މުވައްޒަފުންނާއެކު މަޝްވަރާ ކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލައް ސިޓީއަށް ކުރައްވާދަތުރުފުޅަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެއް ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.