ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ދީނީ ކަންކަން ރަނގަޅުކުރަން - އިސްލާމިކް މިނިސްޓަރ


އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ ދީނީ ޢިލްމުވެރިންގެ ލަފައާއި އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރުންކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ ދީނީ ޢިލްމުވެރިންނާ އެކުގައިކަމަށެވެ. އަދި ޢިލްމުވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރި ވެދެއްވާނެކަމުގެ ޔަގީންކަން މިނިސްޓާރ ވަނީ ޢިލްމުވެރިންނަށް ދެއްވާފައެވެ. މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޢިލްމުވެރިންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މިހާރު ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ދީނީކަންކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ވަނީ ޢިލްމުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

އިސްލާމީ މަރުކަޒްގެ ހޯލްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ދީނީ ގިނަ ޢިލްމުވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރ ވަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މުއައްސަސާތަކުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.