ޚަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %6 ދަށަށް ހިނގައްޖެއެވެ. ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުން އެމެރިކާގެ ބާޒާރުތަކުގައި ސާފުނުކުރާ ތެލުގެ އަގުވަނީ ފީފާއަކަށް 58.85 ޑޮލަރަށް ދަށްވެފައެވެ.

މިއީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އުތުރުގެ ޤައުމުތަކަށް ފިނި މޫސުން ފެށިފައިވަނިކޮށް ތެލުގެ އަގު މިހާބޮޑަށް ދަދަށް ދިޔުމުގެ މާނައަކީ ޑިމާންޑަށްވުރެ ސަޕްލައި މާބޮޑަށް އިތުރުވެގެން ދިޔުން ކަމަށް ވޯލް ސްޓްރީޓް ޖަރނަލް ގައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި މި އަހަރު ތެރޭގައި ތެލުގެ އަގު އުފުލުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްގެން ތެލުގެ އަގު ދަށްކުރަން މަސައްކަތް ކުރުމަށް ސައޫދީ އަރަބިޔާގެ އެހީ ހޯއްދަވާފައެވެ. ތެލުގެ އަގަށް އަސަރު ފޯރާވަރުގެ ބާރާއި ނުފޫޒުހުރި ތިން ގައުމަކީ ސައޫދީ އަރަބިއާއި ރަޝިޔާ އާއި އެމެރިކާ ކަމަށް ތެލުގެ ވިޔަފާރިއާ ބެހޭ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ.

ރަޝިޔާވެސް ވަނީ ތެލުގެ އުފެއްދުންތައް ދާދިހުން އިތުރުކޮށްފައެވެ. ތެލުގެ އަގު، ފީފާއަކަށް 70 ޑޮލަރަށްވުރެ މައްޗަށް ދިޔުމަކީ އެމެރިކާގެ އިޤުތިޞާދު އިނދަޖެހޭވަރުގެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައެވެ.