ޚަބަރު

އެމެރިކާގެ ސިފައިންގެ އޮފިޝަލެއް އަފްޣާނިސްތާނުގައި މަރާލައިފި


އެމެރިކާ ސިފައިންގެ މީހަކު އަފްޣާނިސްތާނުގައި މަރާލައިފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ "ފާމް ސަޕޯޓް މިޝަން" ގެ ނަމުގައި އެމެރިކާ އަފްޣާނިސްތާނުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ސިފައިންގެ މީހަކު މަރާލައިފި ކަމަށާއި އެކަމުގެ ތަފްޞީލު ފަހުން ހާމަކުރާނެކަމަށެވެ.

މީގެ 17 އަހަރު ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ހަނގުރާމަކުރަން ފެށިފަހުން ތާލިބާނުން ދިން އެކި ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 3 ހާހެއްހާ މީހުން މަރާލާފައިވާއިރު 10،000 މީހުން ޒަޚަމްކޮށްލާފައިވެއެވެ.

2014 ވަނަ އަހަރު އެމެރިކާ ސިފައިންގެ ބޮޑުބައި ވަނީ އަފްޣާނިސްތާނުން ބާލާފައެވެ. މިހާރު އަފްޣާނިސްތާނުގައި ތިބީ އަސްކަރީ މަޝްވަރާދޭ ސިފައިންނާއި އަފްޣާން ސިފައިން ތަމްރީން ކުރުމަށް ހަރަކާތްތެރިވާ 9 ވަރަކަށް ހާސް ސިފައިންނެވެ.

"ފާމް ސަޕޯޓް މިޝަން"ގެ ނަމުގައި އެމެރިކާ އަފްޣާނިސްތާނުގައި ހިންގާ ހަރަކާތްތަކުގައި މިއަހަރު ތެރޭގައި އެމެރިކާ ސިފައިންގެ 8 މީހުން މަރާލާފައިވެއެވެ. ފާއިތުވި 17 އަހަރު ތެރޭގައި ތާލިބާން ޖަމާއަތް ބަލިކުރުމުގައި އެމެރިކާ ނުކުޅެދިފައިވާތީ އެމެރިކާ މިހާރު ގެންދަނީ ޠާލިބާނުން ސުލްހައިގެ މޭޒުދޮށަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި އެމެރިކާގެ މަންދޫބު ޒަލްމާއި ޚަލީލް ޒާދް ދެފަހަރެއްގެ މަތިން ގަތަރުގައިވަނީ ތާލިބާނުންގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ.