ޚަބަރު

ދިއްދޫ ޤުރުޢާން މުބާރާތުގެ އެއްވަނައަށް ނުޒްލާ


އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު ހއ.ދިއްދޫގައި ބާއްވަމުންއަންނަ ޤުރުއާން މުބާރާތުގެ، ތިންވަނަ މުބާރާތުން، އެއްވަނަ ހއ.ދިއްދޫ ފެހިއާރު ނުޒްލާ އިސްމާޢީލް ރަޝީދު ހޯދައިފިއެވެ. މިމުބާރާތަކީ ރާއްޖޭގެ ރަށެއްގައި އެންމެ އަގުބޮޑުކޮށް ބާއްވަމުން އަންނަ ޤުރުޢާން މުބާރާތެވެ.

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހއ.ދިއްދޫގައި ބާއްވަމުންއަންނަ ޤުރުއާން މުބާރާތް ބާއްވާ މިއީ ތިންވަނަ ފަހަރެވެ. މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދައިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު އިސްނަންގަވައިގެން ބާއްވާ މުބާރާތެކެވެ. މުޅި މުބާރާތުގެ އެއްވަނަ އެރަށު ފެހިއާރު ނުޒުލާ އިސްމާއިލް ރަޝީދު ހޯދާފައިވާއިރު، މުބާރާތުގެ ދެވަނަ ދެ ދަރިވަރަކުވަނީ ހޯދާފައެވެ. އެއީ އެރަށު އާހަނދުވަރު އާމިނަތު ނާޖިހާ އަތީޤާއި، ސަންހިޔާ މައިޝާ ރަޝީދު. އަދި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އެރަށު އިސްދޫ ޝާނިހާ ޝަރީފެވެ.

މުބާރާތުގެ އެންމެ މޮޅު ތިން ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނި ލިޔުން ހަވާލުކޮށްދެއްވީ، ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ޝަރަފްވެރިކޮށްދެއްވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުވެސްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ޤުރުއާނާ ގާތް، އަދި ޞާލިހު ޢަމަލުތަކުގެ މަތީގައި ދެމިތިބޭ ބަޔަކަށްކަމަށެވެ. މީގެއިތުން ރިތި އަޙްލަޤުގެ މަތީގައި އަބަދުވެސް ތިބުމަށާ، ދީނީ ޢިލްމު އުނގެނުމަށް އިސްކަންދިނުމަށް މިނިސްޓަރ ވަނީ ދަރިވަރުންނަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން ސްކޫލްގެ އިތުރުން ގޭގައި މައިންބަފައިންނާއެކުވެސް ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަށް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވީ މިފަދަ ބޮޑު މުބާރާތެއް ދިއްދޫގައި ބޭއްވުމަކީ ދާއިރާގެ ރައްޔިތުން، އެނާއާމެދު ބެހައްޓާ ގާތްގުޅުމާއި، ދެއްވި ފުރުސަތުގެ ސަބަބުންކަމަށެވެ.

މި މުބާރާތުގައި އިސް ފަނޑިޔާރެއްގެގޮތުން މަސައްކަތް ކުރައްވާފައިވާ ފަނޑިޔާރު މުޙައްމަދު ޝިފާޢު ވިދާޅުވީ މިހާތަނަށް ފަނޑިޔާރުކަން ކޮށްފައިވާ ރަށްތަކުގެތެރެއިން ދިއްދުއަކީ ނިސްބަތުން އެންމެ ރަނގަޅަށް ކިޔަވާ ކުދިންތިބި އެއްރަށްކަމަށެވެ.

މިޖަލްސާގައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވަނަވަނައަށް އައި ދަރިވަރުންނަށްވެސްވަނީ އިނާމުދީފައެވެ. އަދި ޤައުމީ އެކިއެކި ގުރުޢާން މުބާރާތްތަކުގައި ދިއްދޫގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްވަނީ އިނާމުދީފައެވެ. ދިއްދޫ ޤުރުޢާން މުބާރާތުގައި މިފަހަރު 174ދަރިވަރުންވަނީ ބައިވެރިވެފައެވެ. މި މުބާރާކީ އެކި އުމުރުފުރާތަކަށް ބަހާލައިގެން 6އަހަރާއި 21އަހަރާއި ދެމެދުގެ ދަރިވަރުންނަށް ކުރިއަށްގެންދާ މުބާރާތެކެވެ.