ޚަބަރު

ސައުދީއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 35 އަށް


މިއަހަރުގެ ޚަރީފު މޫސުމުގައި ސައޫދީ އަރަބިޔާއަށް ކުރަމުންދާ ވިއްސާރައިގާ 35 މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި އަހަރުގެ ޚަރީފް މޫސުމުގައި، މި ފަހަކަށް އައިސް ވިއްސާރަ ނުކުރާ މިންވަރަށް ވިއްސާރަކޮށް ވާރޭ ވެހުނު ކަމަށާއި، މިކަމުގެ ސަބަބުން އެ ޤައުމުގެ އެތައް ސަރަހައްދުތަކެއްގައި ފެންބޮޑުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް، ސައޫދީގެ މަދަނީ ދިފާއާބެހޭ އިދާރާއިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުއްސުރެ ސައޫދީގެ އެތައް ސަރަހައްދަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވި ސަރަހައްދުތަކުގައި ދިރިއުޅުނު 5000އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު ގެތަކަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ. އަދި އެ ސަރަހައްދުތަކުގެ ޢާންމު ދިރިއުޅުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ސައޫދީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުން، މިއަހަރު އެންމެ ބޮޑަށް ވިއްސާރަކޮށްފައިވަނީ މައްކާއަށާއި މަދީނާއަށެވެ. މި އަހަރުގެ ޚަރީފް މޫސުމުގައި އާދަޔާ ޚިލާފަށް ވިއްސާރަކުރި ޢަރަބި ގައުމުތަކުގެ ތެރޭގައި ސައޫދީ ގެ އިތުރުން ކުވައިތު، އިރާޤު، އަދި އުރުދުން ހިމެނެއެވެ.