ޒުވާނުން ބައިވެރިކޮށް ރައްޔިތުން އެއްބައިވަންތަ ކުރުވަން ކުރާ ކޮންމެ ކަމެއްގައިވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ އުރީދޫ ކަލާރަންގައި ބައިވެރިވެވަޑައިގަތުމަށްފަހު ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މުޖުތަމަޢުގެ އެއްބައިވަންތަކަމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، އުރީދޫއިން ކުރިއަށް މިގެންދިޔަ ކަލާރަންއިން ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް ފުރަސަތު ހޯދައިދިނުމުގެ އިތުރުން އެންމެން އެއްބައިވަންތަކާމާއިއެކު އެކުވެރިކަން އާލާކޮށްލަން ފުރުސަތު ލިބުނުކަމަށެވެ. އަދި މިއީ މުޅި އާއިލާއެއްކޮށްވެސް ބައިވެރިވެ މާޖާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއްކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެއްބައިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވާނެކަމަށާއި، އުރީދޫ ކަހަލަ ކުންފުންޏަކުން މިކަހަލަ އިވެންޓެއް ކުރިއަށްގެން ދިޔުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަންނަކަމެއްކަމަށެވެ. އަދި އެހެން ކުންފުނިތަކުންވެސް ސީއެސްއާރުގެ ދަށުން މިފަދަ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށްދޭ ހަރަކާތްތައް ކުރިއަށްގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.