ޚަބަރު

ގިނަ އަދަދެއްގެ ބަޔަކާއެކު އުރީދޫ ކަލަރރަން ބާއްވައިފި


ދުޅަހެޔޮ އާދަކާދަތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ބޭއްވި ދެވަނަ ކަލަރރަން ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

ޔުނިކް ސްޕޯޓިންއިން އިންތިޒާމްކުރި އުރީދޫ ކަލަރ ރަން 2018 ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ. އަދި މިހަރަކާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލާއި އުރީދޫގެ އިސްއޮފިޝަލުންނާ، މަޖިލިސް މެންބަރުން އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އާންމު ގިނަ ބައެއް ބައިވެރިވިއެވެ.

މިއަހަރުގެ ކަލަރ ރަންގެ ތެރެއިން އުރީދޫގެ 5ޖީ ހިދުމަތް ވަނީ ތައަރަފްކޮށްދީފައެވެ. މިކަމާބެހޭ ގޮތުން އުރީދޫގެ ސީއީއޯ ނާޖިބް ހާން ވިދަޅުވީ މިއީ ހިދުމަތްތައް ފުޅާކުރުމުގެ އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިކަމެއްކަމަށެވެ.

މިހަރަކާތުގައި އާންމުކޮށް ދުވާ މީހުންނާއި އާއްމުކޮށް ދުވެ ނޫޅޭ މީހުންވެސް ބައިވެރިވިއެވެ. މީގެތެރޭގައި އެކި އުމުރުފުރައިގެ މީހުން ބައިވެރިވިއެވެ. ހަރަކާތުގައި ބައިވެރިވި މީހުންވަނީ މިއީ ވަރަށް މަޖާ އަދި ފައިދާހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮންމެ ފަސް ކިލޯ މީޓަރަކުން ކުލަޖެހުމާ އެހެނިހެން ހަރަކާތްތައް ގެނެސްދިން ދުވުމުގައި 4800 އެއްހާ މީހުން ބައިވެރިވިކަމަށް ދުވުން ކޯޑިނޭޓްކުރި ކޯޗް ސުޖާއު ވިދާޅުވިއެވެ.

މިހަރަކާތް ކުލަގަދަކޮށް ނިންމާލާފައިވާއިރު ކަލަރ ރަންއާ ގުޅުވައިގެން މިއަދު ހެނދުނު ކައިޓް ފެސްޓިވަލެއްވެސް ބޭއްވިއެވެ.