ޚަބަރު

ކުޅުދުއްފުށީ ކައުންސިލުން 3 ވަޒީރަކާ ބައްދަލުކުރައްވައިފި


ހދ. ކުޅުދުއްފުށީ ކައުންސިލުން 3 ވަޒީރަކާ ބައްދަލުކޮށް، އެރަށަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބައްދަލުކޮށްފައިވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފްއާއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށްޓަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން މިބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން އާ ބަނދަރުގެ މައްސަލަ އާއި ހޮސްޕިޓަލުގެ މައްސަލައާއި މަގުތައް ހެދުމާއި ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި ކުޅިވަރު ކުރިއެރުވުމަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިނިސްޓަރުންގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބުނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ ފަސް އަހަރަކީ މިނިސްޓަރުންނާއި ބައްދަލުކުރުމަށް އުނދަގޫ ފަސް އަހަރެވެ، ނަމަވެސް މިސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު މިނިސްޓަރުންނާ ބައްދަލުކުރަންވަން ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަކަމެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ކުރިޔަށް އޮތްތާގައިވެސް ކައުންސިލަތަކާ ބައްދަލުކޮށް ވީ އެެންމެ ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިގެންދާނެކަމަށް މިނިސްޓަރުން ވިދާޅުވިކަމަށްވެސް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ވަޒީރުންނާ ކުޅުދުއްފުށީ ކައުންސިލުން ބައްދަލުކޮށްފައިވާއިރު، އިތުރު ކައުންސިލްތަކުގެ މެމްބަރުންނާވެސް ވަޒީރުން ދަނީ ބައްދަލުކޮށް، މަޝްވަރާކުރައްވަމުންނެވެ.