ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފި


ރާއްޖޭގެ މާލީ ޙާލަތާގުޅޭގޮތުން މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ތިން ވަޒީރުން އިންޑިއާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅަކީ، ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގެ އެކި މަޝްރޫޢޫތަކަށް ބޭރުގެ އެކި ޤައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރާއި، ޚާރިޖީވަޒީރާއި، އަދި އެހެނިހެން އިސް ވަފްދުތަކާއި ބައްދަލުކޮށް ރާއްޖޭގެ މިހާރުގެ ހާލަތު އިތުރަށް ތަފްސީލްކޮށްދެއްވައި، މިކަންކަން ޙައްލުކުރުމަށް އިތުރު ގޮތްތަކެއް ހޯއްދަވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށާއި، އެހެންކަމުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެކަންކަމަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން، ސަރުކާރުގެ އިސް ވަފްދެއް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށްފަހު ސަޢުދީއަރަބިއްޔާ، ޔޫއޭއީ އަދި ޗައިނާއަށްވެސް ފޮރިން މިނިސްޓަރ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.