ސިޔާސީ

މަޖިލީހަށް ހުރިހާ ދުވަހަކު ހާޒިރުވީ އެންމެ 22 މެންބަރުން


ރައްޔިތުންގެ
މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޟިރުވަޑައިގަނެފައިވަނީ، ބާވީސް މެމްބަރުންކަން މަޖިލީހުގެ ހާޒިރީން
ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތިންވަނަ ދައުރުގެ ހާޒިރީ
ދައްކާގޮތުން މަޖިލީހުގެ ބައެއް ޖަލްސާތަކަށް ވަޑައިނުގަންނަވާ ނުވަތަ ސަލާމުގައި،
ނުވަތަ ޗުއްޓީގައި ފަސްދޮޅަސް ތިން މެމްބަރަކު ތިއްބެވިއެވެ. މަޖިލީހުގެ
ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވި މެމްބަރަކީ އެމްޑީއޭގެ ދ.މީދޫ ދާއިރާގެ
މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ. ސިޔާމް ވަކިއެއްޗެއް ނައަންގަވާ ސަތާރަ
ޖަލްސާއަށް ހާޒިރުވެ ވަޑައިގެންފައެއްނުވެއެވެ. ދެވަނައަށް އެންމެ މަދުން
ޖަލްސާތަކަށް ހާޒިރުވެފައިވަނީ ޖުމްހޫރީ ޕާޓީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް
އަޙްމަދުއެވެ.

އިލްހާމް ހާޒިރުވެފައިވަނީ ފަނަރަ ޖަލްސާއަށެވެ. އޭނާ ދެދުވަހު
ވަކިއެޗެއް ނާންގަވާ ހުންވިއިރު، ބާރަ ދުވަހު ހުންނެވީ ސަލާމުގައެވެ. މަޖިލީހުގެ
ޖަލްސާތަކަށް ތިންވަނައަށް އެންމެ މަދުން ހާޒިރުވި މެމްބަރުންގެ ގޮތުގައި ދެ
މެމްބަރަކު ތިއްބެވިއެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމާއި،
ދިއްގަރު ދާއިރާގެ މެމްބަރުޕީޕީއެމް އަޙްމަދު ނާޒިމެވެ. ނާޒިމް ހަތަރު ދުވަހު
ސަލާމުގައި ހުންނެވިއިރު، ވަކިއެއްޗެއް ނާންގަވާ ނުވަ ދުވަހު ހުންނެވިއެވެ.
ރޮޒައިނާ ތޭރަ ދުވަހު ހުންނެވީ ސަލާމުގައެވެ. އެދެބޭފުޅުން ހާޒިރުވެފައިވަނީ ސޯޅަ
ޖަލްސާއަށެވެ. ރައްޔިތުންގެ މަޖިލިސް މިހާރު ރިސެސްއަށް ގޮސްފައިވާއިރު، ދެން
މަޖިލިސް ހުޅުވޭނީ އަންނަ އަހަރުގެ މާޗްމަހުގެ ކުރީކޮޅުއެވެ.