ޚަބަރު

ރައީސް ޔާމީނަކީ ޕިީޕީއެމްގެ ރައީސް ކަމަށް އީސީން ކަނޑައަޅައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށް އެޕާޓީން ބޭއްވި އާދަޔާ ޚިލާފު ކޮންގްރެސްގައި ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނަށް މިރޭ ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަނުން ނިންމި ނިންމުން ހައިކޯޓުން މިއަދު ބާތިލްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި އެޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސްއިން ފާސްކުރި އެޕާޓީގެ އަސާސީ ޤަވާއިދާއި ޕާޓީގެ މަޤާމުތަކަށް އިންތިޚާބު ކުރެއްވި ފަރާތްތައް އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ކަމަށްވެސް ރައީސް ޔާމީނަށް އިލެކްޝަންގެ ރައީސް ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މި ސިޓީގައި ހައި ކޯޓުން ކުރި ޙުކުމްގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ރިޢާޔަތް ކޮށްފައި ނުވާތީ ހައިކޯޓުން ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް ކަނޑައަޅާ ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ވާހަކަވެސް ވަނީ ފާހަގަކޮށްފައެވެ.

ހައިކޯޓުން ވަނީ ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްޙަ ކަމަށް ނިންމައި އެޕާޓީން ކޮންގްރެސްގައި އިންތިޚާބުކުރި މަޤާމުތައް ސައްޙަ ކަމަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިލެކްޝަނުން ކަނޑައަޅަންޖެހޭނެ އެކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ..

ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާތިލް ކުރި ސަބަބެއް ކަމަށް އިލެކްޝަން ކޮމިޝަނުން އެންމެ ބޮޑަށް ފާހަގަކުރީ ކޮންގްރެސްގައި ޕީޕީއެމްއަށް ނިސްބަތް ނުވާ އެހެން ޕާޓީތަކެއްގެ މެންބަރުން ވޯޓުލާފައިވުމެވެ.

ނަމަވެސް ހައިކޯޓުން ބުނީ އިލެކްޝަން ކޮމިޝަނުން ޕާޓީތަކުގެ މެންބަރުން ބަލަނީ ކޮންމެ ހަ މަހަކުން އެއް ފަހަރު އަޕްޑޭޓްކުރާ ދަފުތަރެއްގެ މައްޗަށްކަން އެނގެން އޮންނައިރު އެއަށްވުރެ އަޕްޓޭޑް ދަފްތަރެއް ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މަންދޫބުންނަކީ ޕީޕީއެމްގައި އޮންނަ ދަފުތަރުގައި ހިމެނޭ މީހުންތޯ ސާފުކުރުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތްކޮށްފައިނުވާ ކަމަށްވެސް ހައިކޯޓުން ކުރި ޙުކުމްގައި ވަނީ ބުނެފައެވެ