ޚަބަރު

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީއޭއިން ނިންމައިފި


އަންނަ މާޗު މަހު ބޭއްވުމަ ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް، އެމްޑީއޭއިން ނިންމައިފިއެވެ.

އެމްޑީއޭއިން މިރޭ ބުނީ ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް އެޕާޓީން ވާދަ ކުރުމަށް ނިންމީ މިއަދު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުމެއްގައި ކަމަށެވެ.

މި ބައްދަލުވުމުގައި އެމްޑީއޭގެ ހިންގުން އެޕާޓީގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދާއި އަލުން ވަނީ ޙަވާލުކޮށްފައެވެ. މިދިޔަ އޮގަސްޓު މަހުގެ 28ވަނަ ދުވަހުން ފެށިގެން އެމްޑީއޭ ހިންގުން ވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފާ ވަގުތީ ގޮތުން ޙަވާލުކޮށްފައެވެ.

އެމްޑީއޭއިން ބުނީ އަންނަ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ހުށަހެޅުއްވީ ވެސް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް ކަމަށެވެ.

އެމްޑީއޭއިން ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ހުސްވެފައިވާ އެޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށް އައިޝަތު މަމްދޫހާ ޢައްޔަން ކުރައްވާފައެވެ. އަދި އެޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ ދެ މަޤާމަށްވެސް ދެ ބޭފުޅަކު ވަނީ ޢައްޔަން ކުރައްވާފައެވެ.