ޚަބަރު

އެމްޑީޕީ ޕީޖީ ލީޑަރަކަށް އަސްލަމް، ޗީފް ވިޕަކަށް ނިޒާރު


އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ކަނޑައަޅުއްވައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް އިންތިޚާބުވެ ވަޑައިގެންފައިވާއިރު ޗީފް ވިޕްގެ މަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްޙޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަޤާމުގައި މިހާތަނަށް ހުންނެވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އެވެ. ޗީފް ވިޕްގެ މަޤާމުގައި ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރ އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެންބަރު މާރިޔާ އަޙްމަދު ދީދީއެވެ.

އެމްޑީޕީގައި މިހާރު ތިއްބަވަނީ 18 މެންބަރުންނެވެ. މި މެންބަރުންތަކުގެ އެންމެ އިސް ބޭފުޅަކަށް އަސްލަމް އަދި ނިޒާރު ކަނޑައެޅުއްވީ އިންތިޚާބަކާއި ނުލައެވެ. މި ދެ ބޭފުޅުން އިންތިޚާބަކާއި ނުލައި އެ މަޤާމުތަކަށް ކަނޑައެޅުއްވީ ޕާލިމަންޓްރީ ގްރޫޕްގައި ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ މަޤާމުތަކަށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުންނެވެ.

ރައްޔިތުން މަޖިލީހުގެ ޚާއްސަ މަޖިލީހުގެވެސް މެންބަރުކަން ކުރައްވާފައިވާ އަސްލަމް މަޖިލިސް މެންބަރުކަން ކުރައްވާތާ އަންނަ އަހަރަށް 10 އަހަރު ފުރޭއިރު ނިޒާރު މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2014ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައެވެ.