ޚަބަރު

ޖޭއެސްސީއަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފުޢަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

މި ތިން ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ތިންބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރައީސް ޤާސިމް ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ، ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ހ)އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

ބަންޑާރަ ނާއިބު ރިފްޢަތު ޖޭއެސްސީގެ މެމްބަރުކަމަށް ޢައްޔަން ކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ)އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 9ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި 3 ބޭފުޅުން އެކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.