ޚަބަރު

މެންބަރު ޢަރީފާއި މޫސާ ޢަލީ ޖަލީލް ޖުމްހޫރީ ޕާޓިއަށް ގުޅިވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފާއި، ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ ޢަލީ ޖަލީލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ. މި ދެ ބޭފުޅުން ސޮއިކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓިގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ދެބޭފުޅުންނަކީ ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންތަކެއް ކަމަށެވެ.

ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީވެސް ޖުމްހޫރީޕާޓީގެ ޓިކެޓްގައެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީއޭ އާއިވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް ކުރީގެ ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން ތަފާތު އެކި ފޯރަމްތަކުގައި ފާޑުކިޔަމުން ދާތީ، 2017ވަނަ އަހަރުގެ މާރޗް މަހުގެ 9ވަނަ ދުވަހު އޭނާ ވަނީ އެމްޑީއޭއިން ވަކިކޮށްފައެވެ.

ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގަތް މޫސާ ޢަލީ ޖަލީލަކީ ކުރީގެ ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމާއި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުވެސް އަދާ ކުރައްވާފައެވެ.