ޚަބަރު

އުރީދޫ ކަލަރ ރަންއާ ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ


އުރީދޫއިން މާދަމާ ހުޅުމާލޭގައި ބާއްވާ ކަލަރ ރަންއާ ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެހެން އަހަރުތަކާ ތަފާތުކޮށް ކަލަރ ރަން ކުރިއަށް ގެންދިއުމަށްޓަކައި، ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯވއެއް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާކަމަށެވެ.

އުރީދޫއިން ބުނީ "ގުޑި މަހާސަމާ"ގެ ނަމުގައި ކުރިއަށްގެންދާ ކައިޓް ފެސްޓިވަލް ހުކުރު ދުވަހު ހެނދުނު އަށަކުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނޭކަމަށެވެ. މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ގުޑި އެރުވުމުގެ ސަގާފަތް ދިރުވާ އާލާކުރުމުގެ މަޤްސަދުގައި ހިންގާ ހަރަކާތެއްކަމަށް އުރީދޫއިން ބުނެއެވެ.

ކައިޓް ފެސްޓިވަލްގެ އިތުރުން، ކަލަރ ރަން ނިންމާލުމަށްފަހު ރޭގަނޑު 8.30 އިން ފެށިގެން މިއުޒިކް ޝޯ އެއްވެސް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެކަމަށެވެ.

ހުކުރު ދުވަހު އޮންނަ އުރީދޫ ކަލަރ ރަން ފެށޭނީ ހަވީރު 3.30 ގައެވެ. ކުލަޖެހުމާއި ހަދިޔާދިނުން ފަދަ ހަރަކާތްތަކާއެކު ކުރިއަށްދާ 5 ކިލޯމީޓަރުގެ ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އިވެންޓެއްކަމަށް އުރީދޫއިން ބުންޏެވެ.