ސިޔާސީ

މިނިވަންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލައްވައިފި


ދިވެހިންގެ މިނިވަންކަމާއި އެއްބައިވަންތަކަން ދަމަހައްޓާ، ރާއްޖޭގެ މަސްލަހަތާއި ރައްޔިތުންގެ އުފާފާގަތިކަމަށް ޤައުމު ކުރިއަރުވަން އެންމެން އެއްގަލަކަށް އެރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ދުވަހާއި ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި  ޤައުމާއި މުޚާތަބްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، އެއްބައިވަންތަކަން ދަމަހައްޓައި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް އިސްކުރަންޖެހޭކަމަށާ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ބަވަނަވެފައިވާ މުޖުތަމަޢެއްގެ ތެރޭގައި ތިބެގެން މަސައްކަތްކުރާއިރު ބޭރުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމުގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތަކުން އަރައިގަންނަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖެ ކުރިއަށް ދިއުމުގައި ތަފާތުތަކެއް ހުރި ނަމަވެސް، ހުރިހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭ ކަންކަމުގައި، ކުރިއަށް ދެވޭތޯ ލިބިފައިވާ ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހައިވާނުންނާ ތަފާތުކޮށް މާތް ﷲ މިންވަރު ކުރެއްވި ވަރުގަދަ ބާރުތަކުން، ނަފްސުގެ މައްޗަށް ކޮށްޓްރޯލް ކުރެއްވިއްޖެނަމަ އެއްވެސް މުޖުތަމަޢެއްގައި އެއްބައިވަންތަކަން ނެތި ނުދާނެ ކަމުގައި ވިދާޅުވއެވެ. އަދި އެއްބައިވަންތަކަމުގެ އަސާސަކީ މިއީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔަ ވިދާޅުވީ ސުނާމީ ކާރިސާގެ ހިތްދަތިކަމުން އަރައިގަނެވުނީ ދީނުގެ މަތިވެރި އުސޫލްތަކުގެ މަތީ ހިފަހައްޓައިގެން އެއްބައިވަންތަކާއި އެކުވެރިކަމާއެކު ކުރި  މަސައްކަތުންކަމަށެވެ. 

ސުނާމީ ކާރިސާއަށް ދިހަ އަހަރު ފުރުނުއިރު ވަގުތީ ހިޔާގައި ހިތްދަތިކަމާއެކު އެއްވެސް ރައްޔިތަކު މިހާރު ދިރިނޫޅޭނެކަމަށް ވިދާލުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ޤައުމެއް ބިނާކުރެވޭނީ އުފެއްދުންތެރި މަސައްކަތްތެރި ރައްޔިތުން ޝާމިލްވެގެންކަމަށާ، މިނިވަން ޤައުމެއްގެގޮތުގައި އޮވެވޭނީ މިންނެތް މަސައްކަތުންކަމަށެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޤައުމު ހާލުގައިޖެހޭ ފަހަރުގައި ބޭރުޤައުމުތަކުގައި އާދޭސްކުރަންވެއްޖެނަމަ ޤައުމުގެ އަބުރާ އިއްޒަތެއް ނޯންނާނެކަމަށެވެ.

ރޭގެ ޖަލްސާގައި، ދެހާސްހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސައްބީސްވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާނުގައި އެއް މިނެޓްގެ ސުކޫތެއް ވަނީ ގެނެސްފައެވެ. މިކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ.