ޚަބަރު

ނުގެންގޮސް ހުރި ޕާސްޕޯޓްތައް ގެންދިއުމަށް އަންގައިފި


ޕާސްޕޯޓް ހެދުމަށް ހުށަހަޅާފައިވާ ގިނަ ފަރާތްތަކުން
ޕާސްޕޯޓު ދޫކުރަން ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ޕާސްޕޯޓާ
ޙަވާލުވެފައިނުވާތީ، އެފަދަ ފަރާތްތަކުން އަންނަ މަސް ނިމުމުގެ ކުރިން ޕާސްޕޯޓު
ނެގުމަށް ޑިޕާޓްމަންޓް އޮފް އިމިގިރޭޝަން އެންޑް އެމިގްރޭޝަނުން އަންގައިފިއެވެ.



ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޕާސްޕޯޓް ހެދުމަށް އެދި
އިމިގްރޭޝަނަށް ހުށަހަޅާފައިވާ ގިނަ ފަރާތްތަކުގެ ޕާސްޕޯޓު ދޫކުރުމަށް
ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ޕާސްޕޯޓާ ޙަވާލުވެފައިނުވާ ކަން
ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދެހާހާ ގާތްކުރާ އަދަދެއްގެ ޕާސްޕޯޓު
އިމިގްރޭޝަންގައި އެބަހުރި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ. އެމްބީސީ
ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަންގެ މީޑިޔާ އޮފިސަރ ޙަސަން ޚަލީލް ވިދާޅުވީ، ވެރިފަރާތުން ޙަވާލުނުވެ
މިހާރު ހުރި ޕާސްޕޯޓުތަކަކީ ނޮބެމްބަރު މަހު ޕާސްޕޯޓުގެ އަގު ބޮޑު ކުރަން އިމިގްރޭޝަނުން
ނިންމުމާ ގުޅިގެން، އޭގެ ކުރިން ހައްދާފައިވާ ޕާސްޕޯޓުކަމަށެވެ. އަދި ޕާސްޕޯޓުގެ
ވެރިފަރާތުން އަންނަ ޖެނުއަރީ މަހުގެ އެއްތިރީހުގެ ކުރިން ޕާސްޕޯޓާ ޙަވާލުވުމަށް
އިމިގްރޭޝަނުން އެދިވަޑައިގަންނަވައެވެ.



ނޮވެމްބަރު މަހުން ފެށިގެން ޕާސްޕޯޓު ހަދައިދޭ
އަގުތަކަށް ބަދަލު ގެނެސްފައިވާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ބައްތިރީސް ސޮފުޙާގެ
ޕާސްޕޯޓެއް ހަދައިދެނީ އެއްހާސް ރުފިޔާއަށެވެ. އަދި ފަސްދޮޅަސް ހަތަރު ސޮފުޙާގެ
ޕާސްޕޯޓެއް ހަދައިދެނީ ފަނަރަސަތޭކަ ރުފިޔާއަށެވެ. އަދި ނޮން އިލެކްޓްރޯނިކް
ޕާސްޕޯޓެއް ހަދައިދެނީ ހަސަތޭކަ ރުފިޔާއަށެވެ. ޕާސްޕޯޓް ދޫކުރުމަށް ނަމްބަރު
ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު އަށްގަޑި ސުންމިނުޓުން ފެށިގެން މެންދުރު
ދެގަޑި ތިރީހާ ހަމަޔަށެވެ.