ޚަބަރު

ޤާނޫނީ ދާއިރާއަށް ޢާންމުން ހޭލުންތެރިކުރާ ކޯހެއް އައްޑޫސިޓީގައި


މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން ޤާނޫނީ ޢިލްމު އުނގަންނައިދޭ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިމަހުގެ 29 އިން ޑިސެމްބަރ 1 ވަނަ ދުވަހުގެ ނިޔަލަށް ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލް ހޯލުގައިއެވެ. މި ޕްރޮގްރާމުގައި ބިމާ ބެހޭ މައްސަލަތަކާއި، ދަރަނީގެ މައްސަލަތަކާއި، ސުލޫކީ މައްސަލަތަކާއި ކައިވެނި، ވަރި، އަދި ހަޟާނާތުގެ މައްސަލަތަކުގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ބުނީ މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ކުރިމަތިވާ ޢާންމު މައްސަލަތަކަށް އެމީހުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގައި މިފަދަ ޕްރޮގްރާމެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތުދެއެވެ.

މި ޓްރޭނިންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަަކަށް އެޕްލިކޭޝަން ފޯރމް ސޯޝަލް މީޑީއާ ނުވަތަ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ އޮފީހުން ލިބޭނެކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓަކީ ރާއްޖޭގައި ޤާނޫނީ ދައިރާގެ ދިރާސާތައް ކުރުމާއި، ޤާނޫނީ ދާއިރާ އިތުރަށް ކުރިއެރުވުމާއި، ޢާންމުންގެ މެދުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ އިންސްޓިޓިއުޓް ހިންގުމުގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނާއިބު ހުސްނުއްސުޢޫދެވެ.