ވިޔަފާރި

ވިޔަފާރި ކުރިއެރުވުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މަޓާޓޯއާއި ޕާޓާ ގުޅިގެން ބާއްވައިފި


ވިޔަފާރި ކުރިއަރުވާ ފުޅާކުރުމުގައި ގެންގުޅެވޭނެ އުކުޅުތައް ދަސްކޮށްދިނުމަށް މަޓާޓޯ އަދި ޕާޓާ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ކުރިއަށްދިޔަ ތަމްރީން ޕްރޮގްރާމަކީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯގެ އަދި ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ ގުޅިގެން ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މަޓާޓޯއިން މިދިޔަ ދެ އަހަރު ތެރޭގައި ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި ސަރުކާރުންވެސް އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ގިޔާސް ވިދާޅުވިއެވެ.

"އައު ޓުއަރިޒަމް މިނިސްޓަރ މިއަދު މިތަނުގައި ހާޒިރުވުމަކީ އައު ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ އަދި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އަހަންމިޔަތުކަން ދައްކުވައިދޭ ކަމެއް. މަޓާޓޯއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާއާ، ގުޅުންހުރި ދާއިރާތަކުގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ކުރިޔަށް މިމަސައްކަތް އަދިވެސް ކުރިޔަށް ގެންދާނަން. މިއަދު ޓްރެއިނިންގެ ސެޝަންތައް ނަގާދޭނީ ވަރަށްވެސް ތަޖުރިބާކާރު ބޭފުޅުން." ގިޔާސް ވިދާޅުވިއެވެ.

ޓްރެއިނިންގ ޕްރޮގްރާމްގައި ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތައް ބައިވެރިންނާ ހިއްސާކުރިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ސަރުކާރާ، އަމިއްލަ ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވިއެވެ. ޓްރެއިނިންގެ ސެޝަންތައް ނަގާދީފައިވަނީ ޕާޓާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާރިއޯ ހާޑީ އަދި ހޮޓް ހެޑްސް އިނޮވޭޝަންގެ ޗީފް، ސްޓޫ ލޮއިޑެވެ.

މަޓާޓޯއިން ދަނީ ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ އެކި ތަފާތު ޓްރެއިނިންގތައް ބާއްވަމުންނެވެ. މިގޮތުން މިއީ ޕާޓާއާއެކު މަޓާޓޯއިން ބާއްވާ ދެވަނަ ޓްރެއިނިންގ ޕްރޮގްރާމެވެ.

މަޓާޓޯއިން ބުނީ، އަންނަ އަހަރުވެސް ޕާޓާގެ ތަޖުރިބާކާރުންގެ އެހީގައި އިތުރު ދެ ޓްރެއިނިން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.