ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް ހައިކޯޓުން އެނާ މިނިވަންކޮށްފިއެވެ.
މުހްތާޒު މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ސައްހަ ނޫން ކޯޓް އަމުރެއް ނެރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން މަސައްކަތްކުރި ކުށް ސާބިތުވެގެންނެވެ. އެ މައްސަލާގައި ހުކުމް ިއއްވާފައިވަނީ 2016 ވަނަ އަހަރު ޖޫންމަހުގެ 9 ވަނަދުވަހުއެވެ.
ދަށުކޯޓްގެ ނިންމުން ބާތިލުކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން މުހުތާޒު މުހުސިން މައްސަލަ ބަލައިގަނެ މައްސަލައިގެ ޝަރީއަތް ހިންގާފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނުނުތަކުން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތް ކުރުމާއި ގުޅޭ ގިނަ ހައްޤުތަތަކުން މުހުތާޒު މުހުސިން މަހްރޫންކޮށްގެންކަމަށެވެ. އަދި މުހްތާޒު މުހްސިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން ޝަރީއަތަށް ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާއި ލިބިފައިނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.
ހައިކޯޓްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ިއއްވި ހުކުމްގައިވަނީ މުހުތާޒު ބައިވެރިވި ޓެރަރިޒަމްގެ އަމަލަކީ ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށްވާއިރު އެއިން އެއްވެސް އަމަލެއް އެއްވެސް މީހަކުން ކުރިކަން އެގެންނެތްކަމަވެސް ހުކުމްގައިވެއެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއްވެސް މުހްތާޒުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. މި ދެ މައްސަލަ މިދިޔަ މަހު ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.
މުހުތާޒު މުހުސިންއާއި އެކު ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރި އދ މާމިނގިލީ ކޯޓްގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށްކޮށްފައިވާ ހުކުމްވެސް ހައިކޯޓުން އިއްޔެވަނީ ބާތިލުކޮށްފައެވެ.