ޚަބަރު

އުތުރާއި ދެކުނު ކޮރެއާ ދެމެދު ގުޅުން ބަދަހިކުރުމަށް އަވަސްވެނުގަތުމަށް އެމެރިކާން ގޮވާލައިފި


އުތުރު ކޮރެއާއިން އެޤައުމުގެ ނިއުކްލިޔަރ ހަތިޔާރުތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ކުރިން، އެ ގައުމާއި ދެކުނު ކޮރެއާއާ ދެމެދު އޮންނަ ގުޅުންތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަވަސްވެނުގަތުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ދެކުނު ކޮރެއާއަށް ގޮވާލައްވައިފިއެވެ.

އުތުރު ކޮރެއާގެ މައްސަލައާ ބެހޭގޮތުން ދެކުނު ކޮރެއާގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ، އުތުރު ކޮރެއާއާ ދެކުނު ކޮރެއާއާ ދެމެދު އޮންނަ ގުޅުންތައް އެހާ ބާރު ދުވެއްޔެއްގައި ބަދަހިވެގެންގޮސްފައިވާތީ އެމެރިކާއިން ކަންބޮޑުވާކަމަށެވެ.

ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން ވަނީ ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމާއި އެ ސަރަހައްދުގައި ސުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަކީ ދެ ކޮރެއާގެ ދެމެދު އޮންނަ ގުޅުމަށްވުރެ ފަހަތުގައި އޮންނަން ޖެހޭނެ ކަމެއް ނޫންކަން ދެކުނު ކޮރެއާއަށް ބަޔާންކޮށްދީފައި ކަމަށެވެ.

ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ މިހުރިހާ ކަމެއް ވެސް އެކުއެކީގައި ކުރިއަށްދިއުމަށް ކަމަށާ ދެކުނު ކޮރެއާ އާއި އެމެރިކާއިން މިކަމުގައި ބައްދަލުކުރަނީވެސް މިކަންކަން އެއްވެސް ހުރަހެއް ނެތި އެކުގައި ކުރިއަށް ގެންދިއުމަށްކަމަށެވެ. ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު ދާދި ފަހުން ޤާއިމުކުރި އަސްކަރީ އެއްބަސްވުމާ މެދު އެމެރިކާއިން ވަނީ ހިތްހަމަނުޖެހުންތައް ފާޅުކޮށްފައެވެ.