ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާއިން މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.
ގއ. ގެމަނަފުއްޓަކީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖެއިން ފާހަގަކުރެވޭ ރަށެކެވެ. ގިނަ އަދަދެއްގެ މަސްވެރިން ނިސްބަތްވާ ގެމަނަފުށީގެ މުޅި އިޤްތިޞާދު ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. އެގޮތުން މަސްވެރިކަން ކުރި އެރުވުމާއި މަސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޖަމްޢިއްޔާއިން ވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ޑިސެމްބަރމަހުގެ ދެވަނަ ދުވަހު ފަށާނެކަމަށެވެ. އެގޮތުން މިހަރަކާތުގެ ތެރެއިން ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ހާއްސަކޮށްގެން ޑައިވިން ކްލާސްތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާކަމަށް ޝާފިޢު ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފުލުހުންނާއި އަދި ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެންނެވެ. ގެމަނަފުށި މަސްވެރިންގެ ޖަމްޢިއްޔާއިން ބުނީ ގއ އާއި ގދ އަތޮޅުން، ކޮންމެ އަތޮޅަކުން 20 މީހުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން ރަށު ފެންވަރުގައި އިތުރު ކުޅިވަރު ހަރަކާތްތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު ނޮވެމްބަރ 11 ވަނަ ދުވަހު މަސްވެރިންނަށް ސަޕްރައިޒްތަކެއް ރޭވިފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން މައުލޫމާތުދެއެވެ.
ހުވަދު އަތޮޅަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގެ އިތުރުން އެ ޖަމްޢިއްޔާގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ އާންމުންނަށް މަސްވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެއްވެސް ވަނީ އިންތިޒާމްކޮށްފައެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކޮށްފައިވައިވަނީ ހއ. އިހަވަންދޫގައެވެ.