ދުނިޔޭގެ އެކި ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން، ޔަމަނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެމްޕެއިނެއް ފަށައިފިއެވެ.
"ހެލްޕް ޔަމަން މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕެއިން ފަށްޓަވައިދެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މި ކެމްޕޭންއަކީ މުސްލިމް ޤައުމުތަކުގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިނުގެ ބޮޅެއްކަމަށެވެ. ހާލުގައިޖެހި ބަނޑުހައި ހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުންދާ ޔަމަނުގެ ރައްޔިތުންގެތެރެއިން ބާވީސް މިލިއަނެއްހައި މީހުންނަށް މި ކެމްޕޭންގެ ޒަރިއްޔާއިން އެހީތެރިވުމަށް މަސައްކަތްކުރާނެކަމަށް ނާއިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކެމްޕެއިންގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 120 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކި ކައުންސިލްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަކީ މިއަދު އިސްލާމީ އުންމަތުގެ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށްވާއިރު މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރުވުމަށް އޭނާ ގޮވާލެއްވިއެވެ.
ނާއިފް ވިދާޅުވިއެވެ.
ޤައުމީ ކެމްޕެއިނެއްގެ ގޮތުގައި ކުރިއަށްގެންދާ މިޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާހަމައަށެވެ. މިފަދަ ކަންކަމުގައި ދިވެހިންގެ ފަރާތުން ލިބިގެންދާ އެއްބާރުލުން މިފަހަރުވެސް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ބުނެއެވެ.
ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ އީހާހާ ޖަމްޢިއްޔާގެ ރީޖަނަލް އެކްސްޕަރޓް މުރާޓް ޖުމަޔޭވް ވިދާޅުވީ މިފަދަ ކޮންމެ ކެމްޕޭނަކުންވެސް ފެނިގެންދަނީ ދިވެހިންގެ ހިތްހެޔޮކަމާއި އުއްމަތްދެކެ ދިވެހިންވާ ވާލޯބިކަމަށެވެ.
އޭނާ ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ 2016ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވެދެމުންދާ އަމިއްލަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސޫރިޔާ، މިޔަންމާ، ޣައްޒާ ފަދަ ސަރަޙައްދުތަކުގއި ޙާލުގައިޖެހިފައިވާ މީހުންނަށް ފައިސާގެ ގޮތުންނާއި ޒަރޫރީ ބޭނުންތަކަށް ފުދޭ ތަކެތިންވެސް މި ޖަމްޢިއްޔާ މެދުވެރިވެގެން ވަނީ އެހީތެރިވެދީފައެވެ.