އެޓްލާންޓިކް ކަނޑުން ބާނާ ލޯބޮޑު ކަންނެލީގެ ކޯޓާ އިތުރު ނުކުރުމަށް އިންޓަނޭޝަނަލް ކޮމިޝަން ފޯރ ދަ ކަންސަރވޭޝަން އޮފް އެޓްލާންޓިކް ޓޫނާ އައިސީސީއޭޓީން ނިންމައިފިއެވެ.
ކަންނެލީގެ މަސްވެރިކަންކުރާ ފަސްދޮޅަހަށް ވުރެ ގިނަ ޤައުމާއި މަދަނީ ޖަމްއިއްޔާތަކާއި ސައިންސްވެރިން ގުޅިގެން ކްރޮއޭޝިއާގައި ބޭއްވި އެއް ހަފްތާގެ މަޝްވަރާ ބައްދަލުވުމުގައި ނިންމާފައި ވަނީ ލޯބޮޑު ކަންނެލި ބާނަން ދޫކުރާ ކޯޓާ މަދުނުކޮށް ކުރިން ދޫކުރި ވަރަށް ކޯޓާ ދިނުމަށެވެ. އެއީ ކޮންމެ އަހަރެއްގެ މައްޗަށް 65 ހާސް ޓަނުގެ މަހެވެ.
އައިސީސީއޭޓީއިން މި ނިންމުން ނިންމާފައި މިވަނީ އެކި ޤައުމުތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމި ނިންމުންތަކަށް ފަހުކަމަށް އެކޮމިޝަނުން ބުނެއެވެ.
އައިސީސީއޭޓީގެ މި ނިންމުމާއި ގުޅިގެން އެޓްލާންޓިކް ކަނޑުގައިވާ ލޯބޮޑު ކަންނެލީގެ ނަސްލު ނެތިގެން ހިނގައިދާނޭކަމުގެ ބިރު އެބައޮތްކަމަށް ކަނޑުގެ ދިރުންތައް ހިމާޔަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.
މިއާއެކު ސައިންސުވެރިން ވަނީ ވަކި މިންގަނޑެއް ނެތި ލޯބޮޑު ކަންނެލި ބާނަމުން ދާނަމަ ކުރިއަށް އޮތް 20 ވަރަކަށް އަހަރުތެރޭ ހީވެސް ނުކުރާހާ އަދަދަކަށް ލޯބޮޑު ކަންނެލީގެ އާބާދީ ވެއްޓި މި ބާވަތުގެ ކަންނެލި ނެތިގެން ހިނގައިދާނެކަމުގެ އިޝާރާތެއްކޮށްފައެވެ.
ލޯބޮޑު ކަންނެލި ބޭނުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ 65-ހާސް ޓަނަށް ވާއިރު މިދިޔަ އަހަރު އެކަނިވެސް 80-ހާސް ޓަނުގެ ލޯބޮޑު ކަންނެލި ބާނާފައިވެއެވެ.
އެޓްލާންޓިކް ކަނޑުގައި ލޯބޮޑު ކަންނެލީގެ އާބާދީ މަދުވަމުންދާ މިންވަރާއި މެދު ސައިންސުވެރިން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެންމެ ފަހުން ސައިންސްވެރިން ކުރި ދިރާސާތަކުން ދައްކާގޮތުން ކޮންމެ އަހަރަކު މަދުވެގެން 50-ހާސް ޓަނުގެ މަސް ބޭނުން މަނާކުރާނަމަ 2028 އާއި ހަމައަށް ލޯބޮޑު ކަންނެލީގެ އާބާދީ އިތުރުވެގެންދާނެއެވެ.