ޚަބަރު

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް، އުފެއްދި ކޮމިޝަނުގެ މަސައްކަތް ފަށައިފި


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުގެ މަސައްކަތްއް ފަށައިފިއެވެ.
ކޮމިޝަންގެ މަސައްކަތްތައް މިއަދު ފައްޓަވާފައިވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވީ، އެކޮމިޝަނުން ބަލާނެ މަރުގެ މައްސަލަތަކުގެ ތެރޭގައި ޖަލުގެ ގޮޅިތަކާއި ޖަލުގައި މަރުވެފައިވާ މީހުންނާއި، އެކިއެކި ގޭގޭގައި ގޮތް ނޭނގޭ ގޮތަށާއި، ޝައްކު އުފެދޭ ގޮތަށް މަރާލާފައިވާ މައްސަލަތައް ހިމެނޭކަމަށެވެ.

ޙުސްނުއްސުޢޫދު ވިދާޅުވީ، އެކޮމިޝަނުގެ މައްސަލަތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އުންމީދުތަކާއެއްގޮތްވާ ގޮތުގެ މަތީން ވީހާވެސް ދެފުށް ފެންނަ ގޮތަކަކަށް ކަމަށާއި، މަރުތަކުގެ ތަޙްޤީގުތަށްކޮށް ކޮމިޝަނުގެ މަސައްކަތްތައް ދެއަހަރުގެ ތެރޭގައި ނިންމާލާނެކަމަށެވެ.

ކުރީގެ ބަންޑާރަނާއިބުކަންވެސް ކުރައްވާފައިވާ މަޝްހޫރު ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދު ވިދާޅުވީ، ރައީސުލްޖުހުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ އެކޮމިޝަނުގެ މަސައްކަތަށް މައިގަނޑުގޮތެއްގައި ކުރާނީ ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނުގެ ތެރެއިންކަމަށާއި، ނަމަވެސް ޤާނޫނީ އިތުރު ބާރުތަކެއް ކޮމިޝަނަށް ލިބެންޖެހޭކަމަށެވެ.
އެހެންކަމުން އެފަދަ ޤާނޫނީ ބާރު ކޮމިޝަނަށް ލިބިދޭ ޤާނޫނެއް އުފެއްދުމުގެ މަސައްކަތް މިހާރުފަށާފައިވާކަމަށް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޙުސްނުއްސުޢޫދު ވިދާޅުވީ ކޮމިޝަނުން ތަޙްޤީގްތައް ފަށާއިރު، އެކޮމިޝަނުން ބަލަންޖެހޭކަމަށް އާންމުން ގަބޫލުކުރާ މައްސަލަތައް ހުށަހެޅުމަށް މާދަމާއިން ފެށިގެން ތިރީސް ދުވަހުގެ މުއްދަތަކަށް އާއްމުނަށް ހުޅުވާލާނޭކަމަށެވެ.
އަދި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ރާއްޖެއިން ބޭރުގެ ކަމާގުޅޭ ތަޖްރިބާކާރުންގެ އެހީތެރިކަމަށް ބޭނުންވާ ހާލަތްތަކުގައި އެފަދަ އެހީތެރިކަންވެސް ހޯދައިގެންކަން ކޮމިޝަނުގެ ރައީސް ޙުސްނުއްސުޢޫދު ވަނީ ފާހަގަކުރައްވާފައެވެ.