ޚަބަރު

ދިރާގުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ފައިވް ޖީ ޑެމޮންސްޓްރޭޝަނެއް ދައްކާލައިފި


ދިރާގުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ފައިވް ޖީ ޑެމޮންސްޓްރޭޝަނެއް ދައްކާލައިފިއެވެ.

ފައިވް ޖީ ޑެމޮންސްޓްރޭޝަނެއް ދިރާގުން ދައްކާލީ، ފައިވް ޖީގެ ހިދުމަތް ތައާރަފްކުރުމަށް ކުރަމުންގެންދާ މަސައްކަތް ނޫސްވެރިންނާ ހިއްސާކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ފައިވް ޖީ ޑެމޯ ދައްކާލުމަށް ދިރާގް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އަލަށް ތަޢާރަފްކުރާ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޚިދުމަތްތައް ރާއްޖޭގެ މާކެޓަށް ގެނެސްދިނުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަޙްމަދް އިލްޔާސްވަނީ ޓެކްނޮލޮޖީގެ މިފަދަ ހަރުފަތެއް ގިރާކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

އިލްޔާސް ވިދާޅުވީ، ރާއްޖެއަށް އެކި އެކި ޓެކްނޮލޮޖީތައް ވީ އެންމެ އަވަހަކަށް ތައާރަފް ކުރުމަށް ޓެލެކޮމް އޮޕަރޭޓަރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ.

މި ރަސްމިއްޔާތުގައި ދިރާގުން ވަނީ އެކުންފުނިން ފޯރުކޮށްދެމުން އަންނަ 4ޖީ ނެޓްވޯކާއި ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ފައިވް ޖީ ނެޓްވޯކާއި ދެމެދުގައި ހުރި ތަފާތު ނޫސްވެރިންނަށް ދައްކާލާފައެވެ.

5 ޖީ ޓްކްނޮލޮޖީ ތަޢާރަފް ވުމުން ބޮޑެތި ފައިލްތައް ޓްރާންސްފަރ ކުރުމުގައި ވަރަށް ބޮޑު ތަން ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން 4 ކޭ ރެސޮލިއުޝަންގައި އަދި މަންޒަރުތައް ލައިވްކޮށް ސްޓްރީމްކުރުމުގައިވެސް 5ޖީ ތަޢާރަފްވުމުން އަވަސްވެފައި ފަސޭހަވެގެންދާނެއެވެ.