ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިތުރު ބަޖެޓު ބޭނުންވޭ - އީސީ


ރައްޔިތުންގެ މަޖިލީހަށް ދެދާއިރާ އިތުރުވުމާގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އަންނަ އަހަރަށް ދައުލަތުން ކަނޑައަޅަފައިވާ ބަޖެޓުން ނުފުދޭނެކަމަށް އެކޮމިޝަނުން ބުނެފިއެވެ. އިލެކްޝަނސް ކޮމިޝަނުން މިހެން ބުނެފައިވަނީ، ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަމުންނެވެ.

އަންނަ އަހަރަށް އިލްކެޝަންސް އެކޮމިޝަނަށް 80 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތްނަމަވެސް ބަޖެޓް ދިރާސާކުރާ ކޮމެޓީން ވަނީ އެ އަދަދު 89 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް އެ އަދަދުންވެސް އަންނަ އަހަރަށް ނުވާކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޝަންގެ ބަޖެޓް 105 މިލިއަން ރުފިޔާއަށް އިތިރުކޮށްދިނުމަށް އެދިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާ ވަނީ ބަޖެޓު އިތުރުކުރަންޖެހޭ މައިގަނޑު ތިންކަމެއް ބަޖެޓު ކޮމިޓީއަށް ހުށައަޅުއްވާފައެވެ. އޭގެތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ދެ ދާއިރާއެއް އިތުރުވެފައިވުމުން އިންތިޚާބު ބޭއްވުމުގައި އިތުރު ޚަރަދުތަކެއް ހިނގުމާއި، ވޯޓުލާ އާބާދީ އަންނަ އަހަރު އިތުރުވުމާއި ގުޅިގެން ވޯޓުފޮށިތައް އިތުރުކުރަންޖެހުމާއި، ސެކިއުރިޓީ ވަރުގަދަކުރން ހިމެނެއެވެ. އަދި ގިނަ ޢަދަދަކަށް ވަގުތީ މުވައްޒަފުން ބޭނުންކުރަމުން ދިއުމުގެ ސަބަބުން ގިނަ ޚަރަދުތަކެއް ހިނގަމުންދާތީ، ދާއިމީ 14 މުވައްޒަފުން އިތުރުކުރަންޖެހޭކަމަށްވެސް، އަމްޖަދު ވިދާޅުވިއެވެ.

އެ ޚަރަދުތަކާއި ގުޅިގެން ބަޖެޓު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ އިލެކްޝަނސް ކޮމިޝަންގެ މެންބަރުނާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން 105 މިލިއަން ރުފިޔާ ބޭނުންވާކަމަށް ބުނި ނަމަވެސް، ބަޖެޓު ކޮމިޓީން އަދި ވަކިގޮތެއް ނިންމާފައެއްނުވެއެވެ.