ޚަބަރު

ޤައުމެއް ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކުޅިވަރު- ރައީސް ނަޝީދު


ޤައުމެއް ބިނާކޮށް ޤައުމިއްޔަތެއް ހޯދުމުގައި އެންމެ މުހިއްމު އެއް ދައުރެއް އަދާކުރަނީ ކުޅިވަރު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރެއިން ސިޔާސީ ފަރާތްތަކުގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މެޗަށްފަހު ޕީ.އެސް.އެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުޅިވަރުގެ ތެރެއިން އުފެދިގެން އަންނަ އަޙުލާގަކީ ތަރައްގީއަށް މަގުފަހިވެފައިވާ ޤައުމެއް އުފެއްދުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ. މިގޮތުން މޮޅުވާން މަސައްކަތް ކުރުމާއި ބަލިވީމަ ބަލި ގަބޫލުކުރުމާއި ވެއްޓުނީމަ އަލުން އަނބުރާ ތެދުވެ ހިތްވަރާއެކު މަސައްކަތް ފެށުމަކީ އެންމެ ތުއްތުއިރުން ފެށިގެން ކުޅިވަރުގެ ތެރެއިން އަޅުގަނޑުމެންނަށް ދަސްވަމުންދާ ރިވެތި އަޚްލާގުތަކެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ ކުޅިވަރުގެ ވައުދުތަކަކީ މުހައްމަދު ނަޝީދާއި ގުޅިފައިވާ ޕާޓީތަކުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ވައުދުތަކެއް ކަމުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ސަރުކާރުން ކުޅިވަރަށްދޭ އަހަމިއްޔަތުކަން ބޮޑުވާނެ ކަމަށާއި ކުޅިވަރުގެ އިންތިޒާމްތައްވެސް ކުރިއަށްވުރެ ފުރިހަމައަށް ހަމަޖެހޭނެ ކަމަށެވެ.