ޚަބަރު

ރަނގަޅު ޖީލެއް ބިނާކުރުމަށް އެންމެން އެއްބައިވަންތަކުރުވާ ގިނަ ހަރަކާތްތަކެއް މުހިއްމު- ނާއިބު ރައީސް


ޤައުމަށް ތަރައްޤީ ހޯދޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެންކަމަށާއި ރަނގަޅު ޖީލެއް ބިނާ ކުރުމުގައި އެންމެ އެއްބައިވަންތަ ކުރުވާ ގިނަ ހަރަކާތްތަކެއް ބޭއްވުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ނިންމާލުމުގެ ގޮތުން ކުރިއަށްދިޔަ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެވެސް ގިނަ އެކުވެރިންނާއި ގުޅުން ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ކުޅިވަރު މައިދާންތަކުންކަމަށާއި، "ދުޅަހެޔޮ ހަށިހެޔޮ ޢީދު"ގެ ތެރެއިން އެންމެންގެ ގާތްކަމާއި އެކުވެރިކަން ފެނިއްޖެކަމަށެވެ. އަދި އުއްމީދުކުރައްވަނީ މި ގުޅުންތައް ކުރިއަށް އޮތްތާނގާއި މިއަށްވުރެ ވަރުގަދަކޮށް ފެނުނުކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

އަދުގެ ޒުވާނުން ކުރިއެރުން ހޯދަން ބަލާއިރު ކުޅިވަރަކީ އެންމެ އެކަށޭނަ އެއް ދާއިރާކަން ހާމަކުރައްވަމުން ނާއިބު ރައީސް ވިދާޅުވީ އުއްމީދަކީ ހުރިހާ ޒުވާނުންވެސް އަދި ހުރިހާ އުމުރެއްގެ ބޭފުޅުންވެސް ކުޅިވަރުގެ ތެރެއިން އުފާވެރިކަމާއި ހިތްހަމަޖެހުން ހޯއްދެވުންކަމަށެވެ.