ޚަބަރު

ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭ - ޝަރީފް


ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވެރިވާނެ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުން މުހިންމުކަމަށާއި، އެމަސައްކަތް ކުރެވޭނީ، ޤާނޫނާ ޤަވާއިދާ އެއްގޮތަށް ބިނާކުރާ ލީޑަރޝިޕެއްގެ ދަށުންކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިހެން ވިދާޅުވެފައިމިވަނީ، މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމުން ދާދިފަހުން ބޭއްވި އެޕާޓީގެ ޤައުމީ ޖަލްސާއިން ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިމައްސަލަ މިހާރު ހައިކޯޓްގައި ދަނީ ކުރިއަށެވެ. މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުގެ ފަރާތުން ބުނެފައިވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާންކޮށް، ނަތީޖާ ޞައްޙަކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހިސާބުން ޕީޕީއެމްގެ ލީޑަރޝިޕްގެ އަޑު ވަނީ ވަރަށް މަޑުވެފައެވެ. އަދި އައު ސަރުކާރު އެކުލަވާލާ ކެބިނެޓް އިޢުލާންކޮށް، މުހިންމު ނިންމުންތަކެއް ނިންމަމުންދާއިރުވެސް ޕީޕީއެމްގެ ފަރާތުން ބަހެއް ބުނެފައެއް ނުވެއެވެ.