ސިޔާސީ

މަޖިލީހުގެ 2ވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ނިމެނީ


18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ނިންމާލާއިރު، މަޖިލީހަށް ހުށައެޅުނު މަސައްކަތްތަކުގެ ނުވަދިހަ ފަހެއް އިންސައްތަ ނިންމާލެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލިމެންޓްރީ ލީޑަރުކަންވެސް ކުރައްވާ ނިހާން ވިދާޅުވީ، މަޖިލީހަށް ހުށައެޅުނު ދެބިލެއް ފިޔަވާ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.  އެގޮތުން މިދައުރުގައި ފާސްނުކުރެވުނު ބިލަކީ ޖިނާއީ އިޖްރާތުގެ ބިލްކަމަށާއި، އެބިލްވެސް އަންނަ ދައުރު ފެށުމާއެކު ފުރަތަމަ ފާސްކުރާ ބިލްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދާލެއް އަވަސްނަމަވެސް މިދައުރުގައި ފާސްނުކުރެވުނީ، ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން އެބިލު އިތުރަށް މަޝްވަރާކުރަން ބޭނުންވާތީ އެބޭފުޅުންނަށް ވަގުތު ދިނުމުގެ ބޭނުމުގައިކަމަށްވެސް ނިހާން ވިދާޅުވިއެވެ.17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނިންމާފައިނުވާ އޮޑިޓް ރިޕޯޓްތަކާއި ގުޅޭގޮތުން ނިހާން ވިދާޅުވީ، ދުއިސައްތައެއްހާ އޮޑިޓް ރިޕޯޓްގެ ތެރެއިން ރޭގެ ނިއަލަށް ހަތްދިހަ ރިޕޯޓް ދިރާސާކޮށް ނިންމާލެވިފައިވާ ކަމަށެވެ.އަށާރަވަނަ މަޖިލީހުގެ މިދައުރަކީ ޖުމްލަގޮތެއްގައި ކާމިޔާބު ދައުރެއްކަމަށްވެސް ނިހާން ވިދާޅުވިއެވެ. މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާނެ ދުވަހެއް މަޖިލީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ އަހަރުގެ އެންމެ ފަހު ޖަލްސާ ބާއްވާނީ އަހަރުގެ އެންމެ ފަހު ހޯމަ ނުވަތަ ބުރާސްފަތި ދުވަހުކަމަށެވެ.  ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިއުމަށްފަހު ދެން މަޖިލިސް ފެށޭނީ އަންނަ އަހަރުގެ މާޗްމަހުގެ ކުރީކޮޅުގައެވެ.