ޚަބަރު

އިމްރާންގެ ޖަލު ޙުކުމްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން ޢަބްދުﷲ ގެ އިސްތިއުނާފް މައްސަލާއިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރާ މިނިސްޓަރ އިމްރާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ސާފުކުރަން ބޭނުންވި ހުރިހާ ކަމަކަށް އިމްރާންގެ ފަރާތްޕުޅުން ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.

"ފަނޑިޔާރުން ވިދާޅުވީ ދެން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ މިއަދު މި އަޑުއެހުންތައް ނިމުނީއޭ. ދެން އޮންނާނީ މައްސަލާގައި ނިންމުން ނުވަތަ ޙުކުމް ކަމަށް،" ނޫރުއްސަލާމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ މައްސަލަ ދިރާސާ ކުރަމުންދާ އިރު، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ، ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ލާފައިވާ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށް އެމަނިކުފާނު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޝައިޚް އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.