ޚަބަރު

ރައީސް ޞާލިޙު ވަޒީރުންނަށް: ކޮރަޕްޝަނާއި ދުރުވެ ތިއްބަވާ!


ކޮރަޕްޝަންގެ ޢަމަލުތަކުންނާއި ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ. ރައީސް ޞާލިޙު މިގޮތަށް އިލްތިމާސް ކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިއަދު ބައްދަލުވުމުގައި ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށް އަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ޤަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ޓްރާންސިޝަން ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދުވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ޖަލްސާގައި ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ތަންފީޒު ކުރުމަށް ރައީސް ނިންމަވާފައިވާ ކަންކަން ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރައްވަން ކަނޑައަޅުއްވާފައިވާ މަސައްކަތްތައް ވީއެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ހުރިހާ ވަޒީރުންނަށް ރައީސް ޞާލިޙު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމާގުޅޭ މަޢުލޫމާތާއި، ސަރުކާރުގެ އިދާރާތަކުގެ ޙާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވާރާކުރެވިފައިވާ ކަމަށެވެ.

ކޮރަޕްޝަންގެ ޢަމަލުތަކުންނާއި ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރެއްވިއިރު "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ވަނީ ކޮމިޝަނެއް އުފައްދާފައެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.