ޚަބަރު

ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް ރައީސް އޮފީހުން އަދާކުރަންޖެހޭ ދައުރު މުހިއްމު- ރައީސް ޞާލިޙް


ރައްޔިތުންގެ އުއްމީދުތަކާއި، ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު ވަރަށް މުޙިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ އެންމެ އިސް މަޤާމުތަކަށް ޢައްޔަނު ކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށާއި، އެހެންކަމުން، މިކަންކަން ހާސިލުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެވޭނެ ވަރަށްގިނަ ކަންކަން ހުންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް، ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.