ޚަބަރު

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނަން- ރައީސް ޞާލިޙް


އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރާވާފައިވާކަމަށާއި އެސިޓީއަށް ދިމާވެފައިވާ މައްސަލަތައް މިސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ނުކުރެވި ހުރިކަންކަން ފާހަގަކުރައްވައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ރައީސް އަލިއަޅުވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ރާވާފައިވާކަމަށާއި އައްޑޫ ސިޓީއަށް އެކި ގޮތްގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވަމުން ސަރުކާރުގެ ސިޔާސަތު އިސްލާޙުކޮށް ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ބާރު އަޅުއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މެމްބަރުން ދެއްކެވި ވާހަކަފުޅުގައި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އައްޑޫ ސިޓީއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ތަޢުލީމީ ދާއިރާއާއި ބެހޭގޮތުން މަޝްވަރާކުރައްވައި، މި ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުން ފާހަގަކުރިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި، އައްޑޫ ސިޓީ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.