ޚަބަރު

ނާއިބު ރައީސް އަރިހަށް، ސިންގަޕޫރު ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ޚާރިޖީ ގުޅުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުޢްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސިންގަޕޫރުން މިހާތަނަށް ހޯދައިފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ ކާމިޔާބީއަށް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ. އަދި ދިވެހިރާއްޖެވެސް އިޖްތިމާއީ އަދި އިޤްތިޞާދީ ރޮނގުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރަކީ ދިވެހި ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަރަށް ގިނައިން ދިރިއުޅުއްވާ ޤައުމަކަށްވާތީ އެބޭފުޅުންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދެޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރުން ވަރަށްގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ފުރުޞަތު ހުޅުވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ސިންގަޕޫރަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރާ އެންމެ ބޮޑު އިންވެސްޓަރުކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.