ސިއްހަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލގެ އައު އިމާރާތް ހުޅުވައިފި


އުނގޫފާރު ރީޖަނަލް ހޮސްޕިޓަލގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ މިރޭ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިރޭ ބޭއްވި ރަސްމިޔާތެއްގައި ހޮސްޕިޓަލް ހުޅުވިގެން ދިޔައިރު، މިތަނަކީ އެއް ނަންބަރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއްކަން ހެލްތް މިނިސްޓްރީން ފާހަގަކުރައްވައެވެ.ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ވިދާޅުވީ، މި ހޮސްޕިޓަލުގެ ހިދުމަތަކީ މިހާރު މާލެއާއި އެއް ފެންވަރަކަށް ހިދުމަތްދެވޭ ތަނެއްކަމަށެވެ. އެގޮތުން ހާއްސަ ބަލިތަކަށް ފަރުވާދެއްވާ ގިނަ ޑޮކްޓަރުންތަކެއް ހިދުމަތް މިތަނުން ދެވޭކަން ރައީސް ޔާމީނު ފާހަގަކެއްވިއެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އިންޓަނޭޝަނަލް ހިއުމަން އެސިސްޓެންސް ޕްރޮޖެކްޓްގެތެރެއިން އިމާރާތްކޮށް، ނަވާރަސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރުގެ އޭޕްރީލް ހަތްވަނަ ދުވަހު ހިދުމަތްދޭންފެށިތަނެކެވެ. މި ހޮސްޕިޓަލުން ނ.ރ.ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ މީހުންނަށް، ހާއްސަކޮށް އުނގޫފާރުގައި ހިދުމަތްދޭން ފުރަތަމަ ފެށި އިރު ހުރީ ބާރަވަކަކަށް އެނދާއެކުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ނަމަވެސް މިހާރު މިތަނުގައި ހިދުމަތް ދިނުމަށް ފަންސާހަކަށް އެނދު ހުރިއިރު، މިރޭ ހޮސްޕިޓަލު ހުޅުވިއިރު ޑައިލެސިސްގެ ހިދުމަތްވަނީ މުޅިން އަލަށް މިތަނުގައި ތައާރަފް ކޮށްފައެވެ.އެލިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށް އުނގޫފާރުގައި ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅީ ކުރިން ހިދުމަތްދިޔަ އިމާރާތް ބައުވެ ޖާގައިގެ ދަތިކަން ބޮޑުވުމުންކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.