ޚަބަރު

ކުރީގެ ދެ ފަނޑިޔާރުންނާއި މުހުތާޒާއި ގާޟީ ނިހާން ގެއަށް ބަދަލުކޮށްފި


ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިނާއި، ގާޒީ އަހްމަދު ނިހާން ގޭބަންދަށް ބަދަލުކޮށްފިއެވެ.

މި ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކުރުމަށް މާލެ ގެނެސްފައިވާއިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްޛު ޢަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސިޔާސީ ހުރިހާ ފަރާތްތަކެއް މިނިވަން ކުރުމަށް އަމުރުކުރައްވައި މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ.

ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށް އެދެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

މުހްތާޒާއި ނިހާން ގޭބަންދަށް ބަދަލުކޮށްފައިވާއިރު މި ދެބޭފުޅުންގެ މައްޗަށް އުފުލި ނިރުބަވެރިކަމުގެ ދައުވާ ސާބިތުވެ ދެބޭފުޅުންވެސް ގެންދަނީ 17އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މުހުތާޒާއި ނިހާންގެ މައްޗަށް ޓެރަރިޒަމްގެކުށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ، ޢަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވިކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާތީއެވެ. އަދި ކްރިމިނަލް ކޯޓުން މި ދެބޭފުޅުންގެ މައްޗަށް 17އަހަރު ޖަލު ހުކުމެއް އިއްވާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ގިނަ ބޭފުޅުންތަކެއް މިހާރު މިނިވަންކޮށްފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސިޔާސީ ބޭނުންތަކުގައި ނުހައްގުން ޖަލަށްލެވުނު ބޭފުޅުން މިނިވަންކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކުރައްވާނެކަމަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުވަނީ ވިދާޅުވެފައިވެއެވެ.