ޚަބަރު

ދުޅަހެޔޮ ހަށިހެޔޮ ޢީދަކީ ޤައުމީ އެއްބައިވަންތަކަމުގެ ބޮޑު ހަރަކާތެއް- މިނިސްޓަރުން


އައު ސަރުކާރު ހުވައި ކުރުމަށްފަހު ފުރަތަމަ ދުވަހު ބޭއްވި "ދުޅަހެޔޮ ހަށިހެޔޮ ޢީދު" ހަރަކާތަކީ އެކުވެރި މާހައުލެއްގައި ކުޅިވަރު ކުޅެލާ، އުފާ ފާޅުކުރުމަށް ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ބޮޑު ހަރަކާތެއްކަމަށް ކެބިނެޓް މިނިސްޓަރުން ވިދާޅުވެއްޖެއެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ހަރަކާތުގައި ބައިވެރިވި ކެބިނެޓް މިނިސްޓަރުން ވިދާޅުވީ މިފަދަ ކުޅިވަރު ޢީދެއް ބޭއްވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ކުޅިވަރަކީ އެންމެން އެކަތިގަނޑަކަށް ހަދައިދޭނެ އިޖްތިމާއީ ހަރަކާތެއްކަމަށާއި، މިއީ އައު ސަރުކާރުގެ ފުރަތަމަ ދުވަހު ދިވެހި ރައްޔިތުންނާއެކު އުފާ ފާޅުކުރުމުގެ މަޤްޞަދުގައި ބޭއްވި ޤައުމީ ހަރަކާތެއްކަމަށެވެ.

މިއަދު ކުރިއަށްދިޔަ ކުޅިވަރުގެ ޢީދަކީ ފެށުމެއްކަމަށާއި އެކުވެރިކަން އާލާވާފަދަ މިފަދަ ޤައުމީ ހަރަކާތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ބާއްވާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު" ހަރަކާތުގައި 17 ކުޅިވަރު އެސޯސިއޭޝަނަކާއި، 15 ޖަމްއިއްޔާއަކުން ބައިވެރިވިއެވެ. މިއީދުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ރޭ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ވަރަށް ޚާއްޞަ ފުޓްބޯޅަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.