ޚަބަރު

ޤައުމު ތަރައްޤީކުރުމަށްޓަކައި ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެ - ނައިބު ރައީސް


އާސަރުކާރަށް ސައުވީސް ގަޑިއިރުވެގެން ދިޔައިރު ފެނިގެން ދިޔައީ ޤައުމު ތަރައްޤީކުރުމުގައި ސަރުކާރާއެކު ރައްޔިތުން ތިބި މަންޒަރުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ދުޅަ ހެޔޮ ހަށި ހެޔޮ ޢީދު"ގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމްއަށް ދެއްވި ޚައްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މިޙަރަކާތުގެ ތެރެއިން ފެނިގެންދިޔައީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މިއީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ރައްޔިތުން ތިބެން ވީގޮތްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ނައިބުރައީސް ވިދާޅުވީ މިއީ މިސަރުކާރުގެ ފެށުން ރަނގަޅުކަން ހާމަވާކަމެއްކަމަށެވެ. ކުޅިވަރު ޢީދުން ފެނިގެންދިޔަ މަންޒަރު ކުރިއަށް އޮތްތަނުގައިވެސް ދަމަހައްޓަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާސަރުކަރަށް ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން މިޙަރަކާތުގެ ތެރެއިން ލިބިގެންގޮސްފައިވަކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. ދިވެހިންގެ ކުދިބޮޑު އެންމެން ވަކި ފަންތިއެއްނެތި ބައިވެރިވި މިޙަރަކާތަކީ ޤައުމު ތަރައްޤީކުރުމަށް އޮތް ބާރެއްކަން ނައިބުރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ހުރިހާ ފަރާތަކުން ބައިވެރިވުމަކީ ޤައުމު އިތުރު ޙަރުފަތަކަށް ގެންދިޔުމަށް ކޮންމެހެން މުހިއްމުކަމެއްކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވަނީ "ދުޅަ ހެޔޮ ހަށި ހެޔޮ ޢީދު"ގައި ބައިވެރިވެވަޑައިގެން ޢާއްމުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި މި ކުޅިވަރު ޢީދުގެ ތެރެއިން އެމަނިކުފާނުވަނީ އެކި ކުޅިވަރުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.