ޚަބަރު

ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަވައިފި


ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ދަށުން ހިނގަމުންދިޔަ ބައެއް އިދާރާތައް ހިނގަމުންދިޔަ ވުޒާރާތައް ބަދަލުކޮށް، ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަވައިފިއެވެ.

އޮފީސްތަކުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުންދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ، އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިނގަމުންދިޔަ ރީޖަނަލް އެއަރޕޯޓްސް ވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުމެވެ. މީގެ އިތުރުން ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް އިމިގްރޭޝަން ވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ބަދަލުކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކުރައްވައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޤައުމީ އަރުޝީފު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ދަށަށްވެސް ވަނީ ބަދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބައެއް މަސައްކަތްތަކަށްވެސް ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވައި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ދިވެހިބަހުގެ އެކެޑަމީއާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްވެސް ވަނީ އަލަށް އުފެއްދެވި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިންގަމުންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށަށްވެސް ވަނީ ބަދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން މީގެ ކުރިން ހިންގަމުންދިޔަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިހާރު ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދިޔަ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާއާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖެއްސެވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ހިންގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންއާއި ޤައުމީ ކުތުބުޚާނާ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށްވެސް މިބަދަލުގެ ތެރެއިން ވަނީ ބަދަލުކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއާއި، ޕަބްލިކް ވަރކްސް ސަރވިސަސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން އުފައްދަވާފައިވާ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.