ޚަބަރު

ދިވެހިންގެ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުމަށް ޙާއްސަ އިސްކަމެއްދޭނަން- މިނިސްޓަރ ޔުމްނާ


ކޮންމެ ޤައުމެއްގައިވެސް ހެރިޓޭޖް ސައިޓްތައް ނުވަތަ އާސާރީ ތަންތަނަކީ އެ ޤައުމެއްގެ ތާރީޙާއި ސަޤާފަތާއި ގުޅިފައިވާ އެންމެ މުހިއްމު ތަރިކައެވެ. އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެ ޤައުމެއްގެ ޤައުމިއްޔަތު ދިރުވާ އަލާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. ދިވެހިރާއްޖެއަށް ބަލާނަމަ، ލިޔެވިފައި އޮތް މާ ދިގު ތާރީޚެއްނެތް ނަމަވެސް، ފެންނަން ހުރި އާސާރީ ބިނާތަކާއި، ލިބެންހުރި އާސާރީ ލިޔެކިޔުންތަކަށް ބަލާނަމަ ރާއްޖެއަކީވެސް މުއްސަނދި ތާރީޚަކާއި ސަޤާފަތެއް އޮތް ޤައުމެކެވެ.

ދިވެހިރާއްޖޭގައިވެސް އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ޤާނޫނެއް އެކުލަވާލާ، އަންނަނީ ޢަމަލުކުރަމުންނެވެ. މި ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައިވާ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެތި ހަލާކުކޮށް، ރޫޅައި، އެފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ، މި ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވިފައި ނެތުމުގެ ނަތީޖާއަކަށްވީ ރާއްޖޭގައި ހުރި އާސާރީ ގިނަ ތަންތަން ހަލާކުވެ ނެތިދިއުމެވެ. އަދި އެފަދަ ތަންތަނާބެހޭ މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވިފައި ނެތުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލާ "އެއްބައިވަންތަ ސަރުކާރުގެ" މައިގަނޑު އަސާސްތަކުގެ ތެރޭގައި ދިވެހި ތާރީޚާއި ސަޤާފަތަށް ވަނީ ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާފައެވެ. އެކަން އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ބަލާލުމުންވެސް އެނގިގެންދެއެވެ. "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އާސާރީ ތަންތަނާބެހޭ ވަކި ވުޒާރާއެއް އުފައްދަވާ، މިނިސްޓަރުކަމަށް ޔުމްނާ މަޢުމޫން ވަނީ ޢައްޔަނުކުރައްވާފައެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޕީ.އެސް.އެމްއަށް ދެއްވި އެންމެ ފުރަތަމަ ބަސްތީގަތުމުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން ދިވެހިންގެ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުމަށާއި ދިވެހި ޤާއުމިއްޔަތާއި ސަޤާފަތް ވަރުގަދަކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

""ތިބޭފުޅުންވެސް އަޑުއައްސަވާނެ ކަޅުވަކަރު މިސްކިތުގެ ވާހަކަ. ހަޤީގަތުގައި ކުރީ ސަރުކާރުގައި ހެރިޓޭޖް ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވުމަށްފަހު އަޅުގަނޑު އިސްތިޢުފާދެއްވި މައިގަނޑު ސަބަބަކީވެސް އެ މިސްކިތް އެހެންތަނަކަށް ބަދަލުކުރަން އުޅުމުން.. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއް އެއީ އަމިއްލަ ޝަޙްސިއްޔަތާއި، ދިވެހިވަންތައްކަމާއި ދިވެހިންގެ ސަޤާފަތް ރައްކާތެރިކުރުމަކީ.. ވަރަށް ފޮނި އުއްމީދުތަކަކާއެކު އަޅުގަނޑު މި މަޤާމާއި ހަވާލުވެވަޑައިގަތީ ތަރިކަ ރައްކާތެރިކުރުމާއި، ދިވެހި ސަޤާފަތް ދިރުވާ އަލާކުރުމަށްޓަކާ.. މީގެ ތެރޭގައި ދިވެހި ބަސްވެސް ހިމެނިގެންދާނެ.. ރައީސް ޞާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއް މިއީ.. މިގޮތަށް ވަކި މިނިސްޓްރީއެއް މިކަމަށް އުފެއްދެވީތީ، ވަރަށް ބޮޑު އުއްމީދެއްވެސް އެބައޮތް" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޤައުމީ ތަރިކައިގެ ލިސްޓެއް އެކުލަވާލާ، އެއީ ހިމާޔަތްކުރެވި ރައްކާތެރިކުރެވިފައިވާ ތަންތަނުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިން ސަލްޓަންޕާކުގައި ހުރި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މެންޑޭޓުގެ ތެރެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކޮންމެރަށެއްގެ ތާރީޚާއި އެރަށަކާއި، އަތޮޅަކާ ގުޅިފައިވާ މާޒީ ލިޔެ، ރަށްރަށުގެ ވަނަވަރާއި، ރަށްރަށާއި ބެހޭ މައުލޫމާތުތައް ފެންނާނޭހެން ރަށު ވެބްސައިޓްތައް ހަދައި ބަލަހައްޓަށް ފެށޭނެއެވެ. އަދި ހުރިހާ ރަށެއްގެ ބަހުރުވަ އެއްކޮށް، ލިޔެކިޔުމުން ބެލެހެއްޓި، ދިވެހިބަހުގެ ފުރިހަމަ ރަދީފެއް އެކުލަވާލާ، ދިވެހިބަހާއި ދިވެހި ތާރީޚާއި ދިވެހި ޘަޤާފަތާއި ދިވެހި އާދަކާދައާ ގުޅޭގޮތުން ލިޔެވިފައިހުރި ފަތްފުށްތައް އެއްކުރެވި، އެތަކެތި ކިޔަވާކުދީންނަށާއި އެންމެހާ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން ބެލެހެއްޓުންވެސް ހިމެނެއެވެ.