ޚަބަރު

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ރައީސް ޞާލިހުއަށް ފަތްކޮޅު އަރުވައިފި


އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެލައިނާ ޓެޕްލިޓްސް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއަށް އަރުވައިފިއެވެ.

އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވަނީ އެމެރިކާ ސަފީރަށް މަރުޚަބާ ދަންނަވާ، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެމެރިކާ ސަފީރާއެކު ރައީސް ޞާލިޙު މަޝްވަރާކުރެއްވިއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރެއްގެ ގޮތުގައި އެލައިނާ ޓެޕްލިޓްސް އެމެރިކާ ސަރުކާރުން ކަނޑައެޅީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އޭގެ ކުރިން އެމަޤާމުގައި ހުންނެވީ އަތުލް ކެޝަޕްއަކީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެމަޤާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.