ޚަބަރު

ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް 4-5 އަންނަ އަހަރު ތަންފީޒުކުރާނަން - އެޑިއުކޭޝަން


އަންނަ ދިރާސީ އަހަރު ފެށޭއިރު މިހާރު ޢަމަލުކުރަމުންދާ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް 4އާއި 5 ތަންފީޒުކުރަން ފަށާނެކަމަށް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑް ނުވައެއް އަދި ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އަދި ކީ ސްޓޭޖް ފަހެއްގައި ހިމެނެނީ ގްރޭޑް އެގާރަ އަދި ބާރައިގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އެހެންނަމަވެސް އަންނަ އަހަރު ގްރޭޑް ދިހައަކާއި ބާރާގައި ކިޔަވަމުންދާ ދަރިވަރުން ޢަމަލުކުރަމުންދާނީ ކުރީގެ މަންހަޖަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީޢު ވިދާޅުވީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ތައްޔާރު ކުރަންޖެހޭ ފޮތްތައް ނިޞްބަތުން މަދުކަމަށާއި ނަމަވެސް ސީނިއަރ ގްރޭޑްތަކަށް ތައްޔާރު ކުރާ ފޮތްތަކެއްކަމުން ކުރަންޖެހޭ ދިރާސާތަކާއި ކުރަންޖެހޭ މަސައްކަތްތައް ބޮޑުކަމަށެވެ.

އާ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ފޮތްތައް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ސާޅިސް މިލިޔަނަށްވުރެ ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ދެހާސް ނަވާރަ ވަނަ އަހަރު ކީ ސްޓޭޖް ހަތަރެއް އަދި ފަހަކަށް ޢަމަލުކުރަން ފަށަން ހަމަޖެހިފައިވާއިރު، އަންނަ އަހަރު މި ސްޓޭޖްތަކަށް ބޭނުންވާ ފޮތްތައް ނިންމާ ސްކޫލްތަކަށް ޙަވާލުކުރަން ފަށާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިއަންނައަހަރު ގްރޭޑް ނުވައަކަށް ދާ ދަރިވަރުން ކީސްޓޭޖް ހަތަރަކަށް އަމަލުކުރަން ފަށާނީ. މިއަންނަ އަހަރު އޭލެވެލްގެ ގްރޭޑް އެގާރައަށް އަލަށް ވަންނަ ދަރިވަރުން އާ މަންހަޖްގެ ކީސްޓޭޖް ފަހަކަށް އަމަލުކުރަންފަށާނެ. އޭލެވެލް ކުދިންގެ ހަމައެކަނި ބަދަލުވާނީ އިސްލާމާއި ދިވެހިގެ ބައި. ކީސްޓޭޖް ހަތަރެއްގައި އިމްތިހާންގެ ބަޔަށް ތައްޔާރުވަމުންދާނީ އައިޖީސީއެސްސީގެ ބަޔަށް." ޝަފީއު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ އާ ކަރިކިއުލަމަށް ޢަމަލު ކުރަން ފަށާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްކޮށްކަމަށެވެ. ކީ ސްޓެޖް ހަތަރެއްގައި ޖުމުލަ 11 މާއްދާއެއް ކިޔަވއިދިނުމަށް ހަމަޖެހިފައިވީނަމަވެސް އިމްތިޙާނު ދިނުމަށް ހަމަޖެހިފައިވަނީ 8 މާއްދާއިން ކަން އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި މި ސްޓޭޖްތަކަށް ޢަމަލުކުރަންފެށުމާއެކު މަޖުބޫރު 7 މާއްދާއެއްވަނީ އެކުލާވާލާފައެވެ.

އަންނަ އަހަރުގެ ކިޔެވުން ފެށިގެންދާއިރު މި ދެ ސްޓޭޖްގެ ފޮތްތައް އެކުލަވާލުމުގައި މަސައްކަތްކުރާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޓިނޭޓަރުން ވިދާޅުވީ މި ދެ ސްޓޭޖުގައި ކިޔަވާ ދަރިވަރުންނަށް މުޅިން އަލަށް 3 މާއްދާއެއް ތަޢާރަފުކުރެވިގެންދާނެކަމަށެވެ. މި މާއްދާތަކުގެ ތެރޭގައި ޤުރުއާން، ސޯޝަލް ސްޓަޑީޒް އަދި ހެލްތް އެންޑް ޕީއީ ހިމެނެއެވެ. މިހާރު ކުރިއަށްދަނީ ކޭމްބްރިޖުން އެންޑޯސްކޮށްފައިވާ ފޮތްތައް ރާއްޖެ ގެނެސް އަލަށް ތަޢާރަފްކުރާ މާއްދާތަކުގެ ފޮތްތައް ޕްރޫފް ރީޑް ކުރުމުގެ މަސައްކަތްކަމަށް އެންއައިއީން ބުނެއެވެ.

އާ މަންހަޖުގެ އާ ދެ މަރުޙަލާއެއް އަންނަ އަހަރު ތަންފީޒުކުރަން ތައްޔާރުވަމުންދާއިރު، މުދައްރިސުން މިކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން މުދައްރިސުންނަށް ތަމްރީން ޕްރޮގްރާމުތައް ހިންގާނެކަން އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަނުން އެކި މަރުޙަލާތަކައް ބަހާލައިގެން އާ މަންހަޖަށް ޢަމަލުކުރަމުންދާއިރު، މިނިސްޓްރީން ކަނޑައަޅާފައިވާ ޢަމާޒާއި މަޤްޞަދު މިހާތަނަށް ޙާސިލު ވަމުން އަންނަކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.