ޚަބަރު

ޝަރަފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒަހީނާ ޒުހައިރު ހޮވިއްޖެ


ޝަރަފުއްދީން ސްކޫލުގެ 2017ވަނަ އަހަރުގެ ހުރިހާގޮތަކުންވެސް އެންމެ މޮޅު ދަރިވަރަކަށް ޒަހީނާ ޒުހެއިރު ހޮވިއްޖެއެވެ. މި ދަރިވަރަށް އިނާމު ޙަވާލުކޮށްފައިވަނީ ރޭ އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައެވެ.

ޝަރަފުއްދީން ސްކޫލުގައި ޘާނަވީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންނަށް ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލުގެ އެންމެ މޮޅު ތިން ދަރިވަރުން ވަނީ ހޮވާފައެވެ. އެގޮތުން އެ ސްކޫލުގެ ހުރިހާ ގޮތަކުންވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދާފައި ވަނީ ޒަހީނާ ޒުހައިރެވެ. ޒަހީނާ ވަނީ މިދިޔަ އަހަރު ޘާނަވީ އިމްތިހާނުން ޤައުމީ ގަދަ ދިހައަކުން 4 ވަނަ ވެސް ހޯދާފައެވެ. ސްކޫލުގެ ހުރިހާ ގޮތަކުން ދެ ވަނަ ޙާޞިލުކޮށްފައިވަނީ މަރިޔަމް ރާފީ ރިޔާޒެވެ. ތިންވަނަ ޙާޞިލުކޮށްފައިވަނީ އަޙްމަދު ނައުއީން ނާޒިމެވެ.
މީގެ އިތުރުން ސްކޫލުގެ އެކި މާއްދާތަކުން ތަފާތު ވަނަތަށް ޙާޞިލުކުރި ދަރިވަރުންނާއި، ޔުނިފޯރމު ޙަރަކާތްތަކުން ވެސް މޮޅެތި ދަރިވަރުން ވަނީ ހޮވާފައެވެ.

ޝަރަފުއްދީން ސްކޫލުގައި ބޭއްވި އަހަރީ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، އަޙްމަދު ޝަފީއުއެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަމުން އަޙްމަދު ޝަފީޢު ވަނީ މިހާރުގެ ޖީލު ކުރިއަށް ދިއުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

"މި ޖީލުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި އެބަ ބޭނުން ވޭ ކޮލާބޮރޭޓް ކުރަން. ގުޅިގެން ނޫން ގޮތަކަށް އަދި އެކި މީހުންގެ ތަފާތު ހުނަރުތަކުގައި ހިފައިގެން ނޫން ގޮތަކަށް މިއަދު ކުރިއަރައިގެނެއް ނުދާނެ" އަހްމަދް ޝަފީއު ވިދާޅުވިއެވެ.

މި ޖަލްސާގައި ޘާނަވީ ގްރޭޑުތައް ކަމަށްވާ 8، 9 އަދި 10އެއްގެ ދަރިވަރުންނަށް އިނާމުދީފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި 2017 ވަނަ ޝަރަފުއްދީން ސްކޫލުގެ 18 ދަރިވަރަކު ހޮވިފައިވާއިރު، އޭގެ ތެރެއިން އެއް ދަރިވަރަކުވަނީ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިއެވެ.

މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒާހީނާ ޒުހައިރު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ އޭނާ އަށް އެ މަޤާމު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ނަތީޖާ ހޯދުމަށް އޭނޭ ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ވަރަށް ބޮޑު މަސައްކަތެއް މިއީ. ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ލިބުނީވެސް. ދެން އެހެން މީހުންގެ އެހީއާއެކީ މިކަން ޙާސިލް މިވީ. ޙާއްސަކޮށް ޓިޗަރުންގެ އެހީއާއި އެކީ މިކަން ޙާސިލު މިވީ " ޒަހީނާ ބުންޏެވެ.

2012 އިން ފެށިގެން އެއް ދަންފަޅިއަކަށް ކިޔަވައިދެމުންދާ މި ސްކޫލަށް މިދިޔަ އަހަރު ފެށުނުއިރު ޕްރީ ސްކޫލު މަރުޙަލާގެ ދެ ގްރޭޑް ކަމަށްވާ އެލްކޭޖީ އާއި ޔޫކޭޖީ، މި ދެ ގްރޭޑް ތަޢާރަފު ކުރެވުނެވެ. މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލުން ޖުމްލަ 1159 ދަރިވަރުން ތަޢުލީމު ޙާޞިލުކުރިއެވެ.