ޚަބަރު

މަޑަވެލި ސްކޫލުގެ ދަރިވަރުން ތިނަދޫ އެސްޓީއޯ ފިހާރައިގެ މަސައްކަތުގައި އެއް ދުވަސް


ގދ. މަޑަވެލި ސްކޫލުގައި ބިޒްނަސް ސްޓްރީމަށް ކިޔަވާ ދަރިވަރުންނަށް، ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ބެހޭ ގޮތުން މައުލޫމާތު ދީފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ވިޔަފާރި ތަޖުރިބާކުރުމުގެ އެ ޙަރަކާތުގައި އެ ސްކޫލުގެ ގްރޭޑު އަށެއް އަދި ގްރޭޑު ނުވައެއްގެ ދަރިވަރުން ވަނީ ތިނަދޫގައި ހުންނަ އެސްޓީއޯގެ ފިހާރާގައި އެއް ދުވަހު މަސައްކަތް ކޮށްފައެވެ. އެގޮތުން ގޭސް ޑެލިވަރ ކޮށްދިނުމާއި މުދާ ގުނުމާއި، ސޭލްސް އަދި މިނޫންވެސް އެސްޓީއޯގެ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގޮތް އެކުދިންނަށް ވަނީ ޢަމަލީ ގޮތުން ދައްކާފައެވެ.

އެ ހަރަކާތުގައި މަޑަވެލި ސްކޫލުގެ ގްރޭޑު 8 އަދި ގްރޭޑު 9ގެ ބިޒްނަސް ސްޓަޑީސް ކިޔަވާ 16 ކުއްޖަކު ބައިވެރިވިއެވެ.

އެ ޙަރަކާތް ނިމިގެން ދިޔައީ ބުރާސްފަތި ދުވަހު ހަވީރު މަޑަވެލި ސްކޫލުގައި ބޭއްވި މަޢުލޫމާތު ދިނުމުގެ ސެޝަނަކުންނެވެ. އެ ސެޝަނުގައި އެސްޓީއޯގެ ދިގު ތާރީޚާ ބެހޭ މަޢުލޫމާތާއި، އެސްޓީއޯއިން ވިޔަފާރި ކުރާ މަޤްޞަދާއި އެފަދަ ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ދިނެވެ. ސެޝަން ނިންމާލީ ދަރިވަރުންނަށް އެސްޓީއޯއާ ބެހޭ ގޮތުން ލިބުނު މަޢުލޫމާތުތަކާ ގުޅޭގޮތުން ބޭއްވި އިމްތިޙާނަކުންނެވެ. އެ އިމްތިޙާނުން އެންމެ މަތިން މާރކްސް ހޯދި ދަރިވަރަށް އެސްޓިއޯގެ ފަރާތުން ވަނީ ހަދިޔާއެއް ދީފައެވެ.

ގދ. ތިނަދޫގައި ހުންނަ އެސްޓީއޯގެ ފިހާރައަކީ ގދ. އަތޮޅުގެ ރައްޔިތުން ވިޔަފާރި ކުރާ އެސްޓީއޯގެ ޞަރަޙައްދީ ފިހާރައެވެ. އެ ފިހާރައިގެ އަހަރީ އޮޑިޓް ނިންމުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންވެ.