ޗާންދަނީމަގުގައި ހުންނަ މއ. ސެމީޑީލްގޭގައި ހިނގި އަލިފާނުގެ ހާދިސާ ސިފައިން ކޮންޓްރޯލް ކޮށްފިއެވެ.
މއ.ސެމީޑީލް ގޭގެ 4 ވަނަ ފަންގިފިލާގައި ހިނގި މިހާދިސާގައި ބައެއް ފަރާތްތަކަށް ކުދި ކުދި އަނިޔާވެ ހޮސްޕިޓަލުގައި ފާރުވާ ދިންނަމަވެސް އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން ޢިމާރާތުން ސަލާމަތްކުރި ޢާއްމުންގެ 3 މީހަކާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ސިފައިިންގެ 3 ބޭކަލަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
މއ. ސެމިޑީލް ގޭގައި އަލިފާން ރޯވެފައިވަނީ އެޢިމާރާތުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއްގައެވެ. މީހުން ދިރިއުޅެމުންދާ މިޢިމާރާތުގައި ޔޫރޯސްޓޯރުން ގުދަން ހިންގަމުންދަނީ ގަވާއިދާ ޚިލާފަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިރުއޮއްސެނިކޮށް ރޯވި އަލިފާންގަނޑު ނުވަގަޑި ތިރީސް ހާއިރު އެއްކޮށް ކޮންޓްރޯލްވެފައިވާއިރު މިހާދިސާގައި އެގޭގެ ހަތަރުވަނަ ފަންގިފިލާއަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު ތިންވަނަ ފަންގިފިލައަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ ކަންކަން ހިނގުން މަދުކުރެވޭނީ ހެދިފައިވާ ގަވާއިދުތަކަށް ހުރިހާ ފަރާތަކުންވެސް އަމަލުކޮށްގެންކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައިނުވާއިރު ސިފައިން ދަނީ އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.